އަތޮޅުތެރޭގެ ބޮޑެތި އާބާދީތަކަށް މިއަހަރު ނިމުމުގެ ކުރިން ވެމްކޯގެ ޚިދުމަތް ފަށަނީ
އަތޮޅުތެރޭގެ ބޮޑެތި އާބާދީތަކަށް މިއަހަރު ނިމުމުގެ ކުރިން ވެމްކޯގެ ޚިދުމަތް ފުޅާ ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ދާ ކަމަށް ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ "އަހާ ފޯރަމް" ގައި ޢާންމުންގެ މީހަކު ގއ. ވިލިނގިއްޔަށް ވެމްކޯގެ ޚިދުމަތް ނުލިބޭތީ ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން ދެއްވި ޖަވާބުގައެވެ. އެ ފޯރަމްގައި ސުވާލުކުރި ފަރާތުން ވަނީ މި އަހަރުގެ ތެރޭގައި އެ ރަށަށް ވެމްކޯގެ ޚިދުމަތް ލިބެން ފަށާނެތޯ ސުވާލުކޮށްފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ބޮޑެތި އާބާދީތައް ހުރި ރަށްރަށަށް މިއަހަރު ނިމުމުގެ ކުރިން ވެމްކޯގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި ޚިދުމަތް ނުލިބި ހުރި އެހެން ރަށްރަށަށްވެސް ވީހާވެސް އަވަހަކަށް އެ ނިޒާމު ގާއިމުކޮށްދިނުމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވެމްކޯއަށް ބޭނުންވާ ފުރިހަމަ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ވިދާޅުވިއެވެ.
Ads by BMLރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، އަތޮޅުތަކުގެ ވެރިކަން ކުރާ ރަށްރަށާއި މީހުން ދިރިއުޅޭ މައި ސަރަހައްދުތަކުގައި ވެމްކޯގެ ޚިދުމަތް ފެށުމަށާއި، މިހާރު ދެމުންދާ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މި މަސައްކަތުގެ ދަށުން ވެމްކޯއަށް ބޭނުންވާ ވެހިކަލްތައް ހޯދުމުގެ މަސައްކަތް ކުރިއަށްދާއިރު، ދާދި ފަހުންވެސް އެ ކުންފުންޏަށް 22 ވެހިކަލް ހަވާލުކޮށްފައިވާ ކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ. މި އުޅަނދުތައް ބޭނުންކުރަން ފެށުމާއެކު ރަށްރަށުގެ ގޭބިސީތަކުންނާއި މަގުތަކުން ކުނި އުފުލުމުގެ މަސައްކަތް އަވަސްވެ، ރަށްރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ބޮޑު އެހީއަކަށް ވެގެންދާނެއެވެ.
ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެމްކޯގެ ޚިދުމަތް ފޯރުކޮށްދީ، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ކުނި ނައްތާލެވޭނެ ދާއިމީ ނިޒާމެއް މުޅި ރާއްޖޭގައި ގާއިމުކުރުމެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި އިތުރު ވަސީލަތްތައް ރަށްރަށަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
Ads by MACL
