ދަރަނި ދެއްކުމާއި އިގުތިސާދީ އިސްލާހީ މަސައްކަތުން ރަނގަޅު މިސްރާބަކަށް ދެވޭކަމުގެ ޔަގީންކަންލިބިއްޖެ: ޒަރީރު
ދައުލަތުގެ ދަރަނިތައް އަދާކުރުމަށް ކުރެވުނު ބޮޑެތި ޚަރަދުތަކާއެކުވެސް، ރާއްޖޭގެ މާލީ ހާލަތު އިސްލާހުކޮށް އިގުތިސާދު ރަނގަޅު މިސްރާބަށް މިހާރު މިސްރާބުވަމުންދާކަމުގެ ޔަގީންކަން ލިބިއްޖެ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ކުރިއަށްގެންދާ "އަހާ" ފޯރަމްގެ ނުވަވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ފާހަގަކުރެއްވީ، މި ސަރުކާރުގެ ދައުރު ފެށުނު ފަހުން މިހާތަނަށް ދައުލަތުގެ ދަރަނި އަދާކުރުމަށް 1.42 ބިލިއަން ޑޮލަރު ދައްކާފައިވާ ކަމަށެވެ.
މިއަހަރަކީ ދަރަނި ދެއްކުމުގެ ގޮތުން އެންމެ ބުރަ އަދި ގޮންޖެހުން ބޮޑު އަހަރު ކަމުގައި ވީނަމަވެސް، ދައުލަތުން ދައްކަންޖެހޭ ލޯނުތަކަށް އިސްކަންދީގެން ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކުރިއަށް އޮތް ތަނުގައި މާލީ ގޮތުން ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް ޒަރީރު ވިދާޅުވިއެވެ. އަދި އިގުތިސާދީ ހާލަތު ހަމައަކަށް އަޅުވައި ކުރިއަށް ގެންދިއުމަށް ކުރެވޭ މަސައްކަތްތަކުން މިހާރު އުއްމީދީ އަލިމަގުތަކެއް ފެންނަން ފަށާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
Ads by BMLއިގުތިސާދަށް ލިބެމުންދާ ކުރިއެރުންތަކުގެ ތެރެއިން އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ ދާދިފަހުން ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި އެދެވޭ ބަދަލެވެ. ރޭޓިން އިތުރަށް ރަނގަޅުވުމަކީ ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި އެހެނިހެން ގައުމުތަކުންވެސް ވަރަށް ބޮޑަށް ބަލައިގަންނަ އަދި ފާހަގަކުރާ ކަމެއްކަން އޭނާ ބަޔާންކުރެއްވިއެވެ.
މިއަހަރު ފެށުނުއިރު ރާއްޖޭގެ އިގުތިސާދީ ކުރިއެރުން ވަރަށް ރަނގަޅު ފެންވަރެއްގައި ހުރިކަމަށާއި، ޚާއްޞަކޮށް ފުރަތަމަ ކުއާޓަރުގައި ދައުލަތަށް ލިބުނު އާމްދަނީ ބޮޑުތަނުން އިތުރުވެގެން ދިޔަކަން ޒަރީރު ފާހަގަކުރެއްވިއެވެ. ނަމަވެސް މެދުއިރުމަތީގައި ފެށުނު ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލުތަކުގެ ސަބަބުން ދައުލަތުން ސަބްސިޑީއަށް ކުރަންޖެހުނު ޚަރަދުތައް އަންދާޒާކުރި ވަރަށްވުރެ ބޮޑުވެގެން ދިޔައެވެ.
އެގޮތުން މިއަހަރުގެ ބަޖެޓުގައި ސަބްސިޑީގެ ގޮތުގައި ޚަރަދުކުރުމަށް ކަނޑައެޅީ 2.9 ބިލިއަން ރުފިޔާ ކަމަށްވީ ނަމަވެސް، އަހަރުގެ މިހާތަނަށް ސަބްސިޑީއަށް 4.3 ބިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ. އެހެންނަމަވެސް، މިފަދަ ގޮންޖެހުންތަކާއެކުވެސް ދައުލަތުގެ މާލީ މުއާމަލާތްތައް ހަމައަކަށް އަޅުވައި، ކުރިއަށް އޮތް ދުވަސްތަކުގައި އިގުތިސާދީގޮތުން އިތުރު އަލިފާޅެއް ފެނިގެންދާނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވާފައިވެއެވެ.
Ads by MACL
