ރައީސްގެ ޕާކިސްތާން ދަތުރުފުޅު: އެތައް ގޮތަކުން ހާއްސަ، ދެގައުމުގެ ގުޅުމަށް 60 އަހަރު ފާހަގަ ކުރާނެ!
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރެއްވުމަށާއި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދެވުމަށް ހަމަޖެހިއްޖެއެވެ.
ރައީސް އޮފީހުން މިއަދު އާންމުކުރި ބަޔާނެއްގައިވާ ގޮތުން، މި ދަތުރުފުޅަކީ ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފްގެ ހާއްސަ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި މަހުގެ ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ދަތުރުފުޅަކީ، 26 ޖުލައި 1966 ގައި ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރި ފަހުން، ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ހިންގޭ އެންމެ މަތީ ފަންތީގެ ރަސްމީ ބައްދަލުވުމެވެ.
މި ދަތުރުފުޅުގައި ރައީސް ޑރ. މުއިއްޒު، ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީއާއި، ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފްގެ އިތުރުން އެ ގައުމުގެ ސަރުކާރުގެ އިސް މަސްއޫލުވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއެކު ބާއްވަވާ ރަސްމީ މަޝްވަރާތަކަށްފަހު، ތަފާތު ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން ޖުމުލަ 12 ފަހުމުނާމާއެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
Ads by BMLރައީސް އޮފީހުން ވިދާޅުވި ގޮތުގައި، މި ދަތުރުފުޅަކީ ރައީސް ޑރ. މުއިއްޒު ގެންގުޅުއްވާ "ދިވެހިރާއްޖެ އިސްކުރުން" (މާލްޑިވްސް ފަސްޓް) ޚާރިޖީ ސިޔާސަތުގެ ދަށުން، އަވައްޓެރި ގައުމުތަކާއެކު އޮންނަ ގުޅުން ވަރުގަދަކޮށް ގައުމުގެ ތަރައްގީއަށް ބޭރުގެ އެއްބާރުލުން ހޯއްދެވުމަށް ކުރައްވާ މަސައްކަތްޕުޅުގެ ބައެކެވެ. މީގެ އިތުރުން، ސަރަހައްދީ ޖަމާއަތް (ސާކް) އަލުން ހިންގުމަށް މަޝްވަރާކުރުމަށް ރާއްޖެއިން މެދުވެރިއަކަށް ވުމަށް ރައީސް އިއުލާންކުރައްވާފައިވާތީ، އެކަމާ ގުޅޭ މަޝްވަރާތައް ވެސް މި ދަތުރުފުޅުގައި ކުރެވޭނެ ކަމަށް ބެލެވެއެވެ.
މި ރަސްމީ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ އިތުރުން ކެބިނެޓް ވަޒީރުންނާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެއެވެ.
މި ދަތުރުފުޅުގެ ކުރިން، މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުއްލާ އިސްކޮށް ހުންނަވައި، ޕީއެންސީގެ 15 މެންބަރުންގެ ވަފުދެއް ވެސް ވަނީ ޕާކިސްތާނަށް ތަޖުރިބާ ހޯދުމުގެ ރަސްމީ ދަތުރުފުޅެއް ކުރައްވައި، ގާނޫނީ ދާއިރާއިން އެއްބާރުލުން ދިނުމާ މެދު މަޝްވަރާކުރައްވާފައެވެ.
Ads by MACL
