ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޔޫތު ސެންޓަރުތައް ހިންގުން ބެހިފައި އޮތުމުން ދަތިތައް ކުރިމަތިވޭ: ވަޒީރު ރާފިޢު

ވަޒީރު ރާފިޢު / ފޮޓޯ: ޕީއެސްއެމް ނިއުސް
ވަޒީރު ރާފިޢު / ފޮޓޯ: ޕީއެސްއެމް ނިއުސް

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ ޔޫތު ސެންޓަރުތަކުގެ ހިންގުން ކައުންސިލްތަކާއި ޒުވާނުންނާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުގައި ބެހިފައި އޮތުމުގެ ސަބަބުން، މަސްއޫލިއްޔަތުތައް ފުރިހަމައަށް ތަންފީޒުކުރުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު އިބްރާހީމް ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ވަޒީރު ރާފިޢު މިހެން ވިދާޅުވީ، ޔޫތު ސެންޓަރުތައް ހިންގުމުގައި މިހާރު ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި، އެ ސެންޓަރުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފުމަށް ހުރި ހުރަސްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ބައެއް ރަށްރަށުގެ ޔޫތު ސެންޓަރުތައް ރަށު ކައުންސިލްތަކުގެ ދަށުން ހިންގަމުންދާއިރު، އަނެއްބައި ސެންޓަރުތައް ހިންގަމުންދަނީ ސީދާ މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ. މިގޮތަށް މެނޭޖްމަންޓް ދެބަޔަކަށް ބެހިފައި އޮތުމުގެ ސަބަބުން، ސެންޓަރުތައް ބެލެހެއްޓުމުގައްޔާއި، ވަސީލަތްތައް ހަމަކުރުމުގައި އަދި ހިންގުމުގެ އެއްބާރުލުން ދިނުމުގައި ނިޒާމީ ބޮޑެތި ހުރަސްތަކެއް ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ޔޫތު ސެންޓަރުތަކުގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް ތަންފީޒުކޮށް، ޒުވާނުންނަށް ބޭނުންވާ ޚިދުމަތްތައް އެންމެ މަތީ ފެންވަރުގައި ފޯރުކޮށްދިނުމަށް މިހާރު މިއޮތް ހިންގުމުގެ އޮނިގަނޑުގެ ސަބަބުން ދަތިތަކާ ކުރިމަތިވޭ،" ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، މި ދަތިތަކަށް ދާއިމީ ހައްލެއް ހޯދުމަށާއި، ހުރިހާ ޔޫތު ސެންޓަރުތަކުންވެސް ޒުވާނުންނަށް އެއް ހަމައެއްގައި ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ދެވޭނެ ފަދަ ނިޒާމެއް ގާއިމުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ބައްލަވަމުންދާ ކަމަށްވެސް ވަޒީރު ރާފިޢު އިޝާރާތްކުރެއްވިއެވެ.

ޒުވާނުންގެ ހުނަރުތައް ތަރައްގީކުރުމާއި، ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިންގުމަށް ރަށްރަށުގައި ހަދާފައިވާ ޔޫތު ސެންޓަރުތަކުގެ ހިންގުން ހަރުދަނާކުރުމަކީ ޒުވާނުންގެ ކުރިއެރުމަށް ސަރުކާރުން ދޭ މުހިންމު އަހަންމިއްޔަތުކަމެއްގެ ގޮތުގައި މިނިސްޓްރީން ފާހަގަކުރެއެވެ.