ފައިބަރަކީ އަލިފާން ހިފާ ނުރައްކާތެރި އެއްޗަކަށްވާތީ، ރަށްރަށުގެ ފައިބަރު ކުނި ތިލަފުއްޓަށް ގެންގޮސްގެން މެނޭޖުކުރާނަން: ވަޒީރު ޢަލީ ޝަރީފް
ފައިބަރުގްލާހަކީ އޭގެ ޒާތުގައި އަލިފާން ހިފުމުގެ ފުރުސަތު ބޮޑު އަދި ވަކި ޚާއްޞަ އުޞޫލުތަކެއްގެ ދަށުން ނައްތާލަންޖެހޭ ނުރައްކާތެރި މާއްދާއަކަށްވާތީ، ރާއްޖޭގެ އެހެން ރަށްރަށުގައި އުފެދޭ ފައިބަރު ކުނިވެސް ކ. ތިލަފުއްޓަށް ގެންގޮސްގެން މެނޭޖުކުރެވޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ރަށްރަށުގައި ހިންގާ ސިނާއީ މަސައްކަތްތަކުންނާއި އޮޑިދޯނިފަހަރު ބަނުމުގެ ތެރެއިން އުފެދޭ ފައިބަރު ކުނި މެނޭޖުކުރުމުގައި ރަށު ފެންވަރުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ޢަލީ ޝަރީފް ފާހަގަކުރެއްވި ގޮތުގައި، ފައިބަރުގެ ބާވަތްތަކަކީ އާންމު ކުންޏާ އެއްގޮތަށް ރަށްރަށުގެ ކުނިގޮނޑުތަކުގައި އަންދައިގެން ނުވަތަ އާދައިގެ ގޮތަކަށް ނައްތާލެވޭނެ ތަކެއްޗެއް ނޫނެވެ. މީގެ ސަބަބުން ތިމާވެށްޓަށާއި އާންމު ސިއްހަތަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވާތީ، އެފަދަ ތަކެތި ނައްތާލަންޖެހޭނީ ރައްކާތެރި މާހައުލެއްގައެވެ.
"ފައިބަރަކީ އަލިފާން ހިފުމުގެ ފުރުސަތު ނުހަނު ބޮޑު އެއްޗެއް. އެހެންކަމުން ރަށްރަށުން މިފަދަ ތަކެތި ސަރަހައްދީ ކުނި މެނޭޖުކުރާ މައި މަރުކަޒު، ތިލަފުއްޓަށް ގެންގޮސްގެން، ވަކި ނިޒާމެއްގެ ދަށުން ރައްކާތެރިކަމާއެކު ނައްތާލުމުގެ ގޮތްތަކެއް ހޯދުމުގެ މަސައްކަތް މިނިސްޓްރީން މިހާރު ދަނީ ކުރަމުން،" ވަޒީރު ވިދާޅުވިއެވެ.
Ads by BMLމި މަޝްރޫއުގެ ދަށުން ރަށްރަށުން ތިލަފުއްޓަށް ފައިބަރު ކުނި އުފުލުމުގެ ލޮޖިސްޓިކްސް ނިޒާމެއް ބައްޓަންކުރުމާއި، ކައުންސިލްތަކާ ގުޅިގެން ރަށްރަށުގައި ފައިބަރު ކުނި ވަކިން ބެހެއްޓޭނެ އިންތިޒާމުތައް ގާއިމުކުރުމަށް ރޭވިފައިވާކަން ވުޒާރާއިން ފާހަގަކުރެއެވެ. މީގެ އިތުރުން، މި ފަދަ ނުރައްކާތެރި ކުނި މެނޭޖުކުރުމުގެ ސިޔާސަތުތައް ހަރުދަނާކުރުމަކީ 'މަގޭ ސާފު ރާއްޖެ' އިސްނެގުމުގެ ދަށުން ކުރިއަށްދާ މުހިންމު މަސައްކަތެކެވެ.
Ads by MACL
