ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބަޖެޓުގެ ދަތިކަން ވަކި ރަށަކަށް އެކަނި އޮންނާނެ ކަމަށް ގަބޫލެއް ނުކުރެވޭ: ވަޒީރު ޙަސަން ޒަރީރު

ވަޒީރު ޙަސަން ޒަރީރު / ފޮޓޯ: ޕީއެސްއެމް ނިއުސް
ވަޒީރު ޙަސަން ޒަރީރު / ފޮޓޯ: ޕީއެސްއެމް ނިއުސް

ދައުލަތުގެ ބަޖެޓުގެ ދަތިކަމަކީ ވަކި ރަށަކަށް އެކަނި އޮންނާނެ ކަމެއް ކަމަށް ގަބޫލުނުކުރެއްވޭ ކަމަށާއި، ކޮންމެ އަހަރަކުވެސް ބަޖެޓު އެލޮކޭޓްކުރެވެނީ މަޖިލީހުން ބަޖެޓު ފާސްކުރާ އުޞޫލުގެ ތެރެއިން، ޕްރައިވެޓައިޒްކޮށްފައިވާ މަޝްރޫޢުތަކަށް ޚަރަދުކުރެވޭ ގޮތަށް ކަމަށް މާލީ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ވަޒީރު ޙަސަން ޒަރީރު މިހެން ވިދާޅުވީ، ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދިއުމުގައި ބަޖެޓުގެ ތާށިކަން ކުރިމަތިވަމުންދާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން، ބަޖެޓު އެކުލަވާލުމާއި ޚަރަދުކުރުމުގެ ސިޔާސަތު ސާފުކޮށްދެއްވަމުންނެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ދައުލަތުގެ މާލީ ހާލަތު ހުރިގޮތުން ބަޖެޓުގެ ދަތިކަން ކުރިމަތިވީ ނަމަވެސް، އެއީ ވަކި ރަށެއް ތަފާތުކޮށްގެން ދިމާވާ ކަމެއް ނޫނެވެ. އަދި ބަޖެޓުން ފައިސާ ކަނޑައެޅުމުގައި ގެންގުޅެނީ ހަމަހަމަ އަދި ހަރުދަނާ އުޞޫލުތަކެއްކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
"ބަޖެޓުގެ ދަތިކަން ވަކި ރަށަކަށް އެކަނި އޮންނާނެ ކަމަށް ގަބޫލުކުރެވެން ނެތް. ކޮންމެ އަހަރަކުވެސް ބަޖެޓު އެލޮކޭޓްކުރެވެނީ ބަޖެޓު ފާސްކުރެވޭ ރަސްމީ އުޞޫލުގެ ތެރެއިން. އަދި ޚާއްޞަކޮށް ޕްރައިވެޓައިޒްކޮށްގެން ކުރިއަށްގެންދަން ކަނޑައެޅިފައިވާ މަޝްރޫޢުތަކަށް ބަޖެޓުން ޚަރަދުކުރެވޭނެ ގޮތްތައް ވަނީ ރޭވިފައި،" ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ސަރުކާރުގެ އަމާޒަކީ ބަޖެޓުގެ ތެރެއިން ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިއަށްގެންދިއުން ކަމަށާއި، ޕްރައިވެޓް ސެކްޓަރާ ގުޅިގެންނާއި ޕްރައިވެޓައިޒްކޮށްގެން ހިންގާ މަޝްރޫއުތަކުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ބާރުބޮޑުވުން ކުޑަކުރެވިގެންދާނެ ކަމަށްވެސް ވުޒާރާއިން ފާހަގަކުރެއެވެ.
ސަރުކާރުން ދަނީ މާލީ އިސްލާހީ ފިޔަވަޅުތަކާއެކު، ބަޖެޓުން ކުރާ ޚަރަދުތައް ބަލަހައްޓައި، ހުރިހާ ރަށެއްގެ މަޝްރޫއުތައްވެސް އިސްކަންދޭ ތަރުތީބުން ކުރިއަށްގެންދިއުމަށް މަސައްކަތް ކުރަމުންނެވެ.