ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކޮމަންޑޫ ފިޓްނަސް ސެންޓަރުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ނިންމާލާނަން: ވަޒީރު ރާފިޢު

 ވަޒީރު ރާފިޢު / ފޮޓޯ: ޕީއެސްއެމް ނިއުސް
ވަޒީރު ރާފިޢު / ފޮޓޯ: ޕީއެސްއެމް ނިއުސް

ށ. ކޮމަންޑޫގައި ގާއިމުކުރަމުންދާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތްތައް މިއަންނަ އަހަރުގެ ކުރީކޮޅަށް އެއްކޮށް ނިންމާލުމަށް ބާރުސްޕީޑުގައި މަސައްކަތް ކުރަމުންދާ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު އިބްރާހީމް ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ވަޒީރު ރާފިޢު މިހެން ވިދާޅުވީ، ރަށްރަށުގައި ޒުވާނުންނަށާއި އާންމުންނަށް ބޭނުންވާ ކުޅިވަރާއި ދުޅަހެޔޮކަމުގެ ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ފަހުގެ މައުލޫމާތުތައް ހިއްސާކުރައްވަމުންނެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ކޮމަންޑޫގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރަކީ އެ ރަށުގެ ޒުވާނުންނާއި ރައްޔިތުންގެ ދުޅަހެޔޮކަމަށްޓަކައި ނުހަނު ބޭނުންތެރި މަޝްރޫއެކެވެ. އެހެންކަމުން، މި ސެންޓަރުގެ އިމާރާތްކުރުމުގެ މަސައްކަތްތައް ހަމަޖެހިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްދާކަން މިނިސްޓްރީން ވަނީ ކަށަވަރުކޮށްފައެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ކޮމަންޑޫ ފިޓްނަސް ސެންޓަރުގެ ހުރިހާ މަސައްކަތްތަކެއް ނިންމައި، އަންނަ އަހަރުގެ ކުރީކޮޅު ރައްޔިތުންނަށް މިތަނުގެ ޚިދުމަތް ލިބޭނެ ގޮތް ހެދުން. މިހާރު ދަނީ އެ ސުންގަޑިއަށް މަސައްކަތް ނިންމުމަށް ކުރަންޖެހޭ ކަންކަން ކުރަމުން،" ވަޒީރު ވިދާޅުވިއެވެ.

މި ސެންޓަރުގެ މަސައްކަތް ނިމުމުން، ޒަމާނީ ކަސްރަތު ސާމާނާއެކު ރަށުގެ ރައްޔިތުންނަށް ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ ފުރުސަތުތައް ފަހިވެ، އެކި ކަހަލަ ރެކްރިއޭޝަނަލް ހަރަކާތްތައް ހިންގުމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ޒުވާނުންނާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ.

ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ޒުވާނުންގެ ކުރިއެރުމަށް ބޭނުންވާ މިފަދަ ވަސީލަތްތައް ފުރިހަމަކޮށްދިނުމެވެ.