ތިލަފުށީގެ އިންސިނަރޭޓަރ 2028ގެ މެދުތެރޭގައި ބޭނުންކުރަން ފަށާނަން: ވަޒީރު ޢަލީ ޝަރީފް
ކ. ތިލަފުށީގައި ޤާއިމްކުރަމުންދާ ކުނި އަންދާ ނިޒާމް ގެ މަސައްކަތްތައް ނިންމައި، މިއަންނަ 2028 ވަނަ އަހަރުގެ މެދުތެރޭގައި އެތަން ބޭނުންކުރަން ފެށޭނެ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދިޔަ 'އަހާ' ފޯރަމްގައި ވާހަކަދައްކަވަމުން ވަޒީރު ޢަލީ ޝަރީފް ވިދާޅުވީ، ކޮންޓްރެކްޓަރުގެ މައްސަލަތަކަކާ ހުރެ ދުވަސްތަކެއް ވަންދެން މި މަޝްރޫޢުގެ މަސައްކަތް ހުއްޓިފައި އޮތް ނަމަވެސް، މިހާރު އައު ކޮންޓްރެކްޓަރަކާއެކު މަސައްކަތް އަލުން ފަށައިގެން ބާރަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން މިހާތަނަށް މަޝްރޫޢުގެ 40 އިންސައްތަ މަސައްކަތް ނިމިފައިވާކަން ވަޒީރު ހާމަކުރެއްވިއެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފައިބަރުގެ މަސައްކަތް ކުރަނީ ތިލަފުށީގައިކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ފައިބަރަކީ ވަކި ޚާއްޞަ ގޮތްތަކަކަށް ނައްތާލަންޖެހޭ އެއްޗަކަށް ވުމާއެކު، އެހެން ރަށްތަކުންވެސް މިހާރު ތިލަފުއްޓަށް ފައިބަރު ކުނި ގެންނަމުންދާ ކަމަށެވެ. އަދި އައު އިންސިނަރޭޓަރ ބޭނުންކުރަން ފެށުމުން، ގިނަވަމުންދާ ފައިބަރު ކުނީގެ މައްސަލައަށް ދާއިމީ އަދި ބޮޑު ހައްލެއް ލިބިގެންދާނެއެވެ.
Ads by BMLމީގެ އިތުރުން، ތިލަފުށީގައި ގާއިމުކުރާ 13 މެގަވޮޓުގެ 'ވޭސްޓް ޓު އެނަރޖީ' (ކުނިން ހަކަތަ އުފައްދާ) ޕްލާންޓުގެ މަސައްކަތްވެސް 2028 އިގެ ނިޔަލަށް ނިންމައި ބޭނުންކުރަން ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. ދުވާލެއްގެ މައްޗަށް 500 ޓަނުގެ ކުނި އެންދުމުގެ ޤާބިލުކަން ލިބިފައިވާ މި ޕްލާންޓް ހިންގަން ފަށާތާ 2 އަހަރު ތެރޭގައި، ޖައްވަށް ބޭރުކުރާ ކާބަންޑައިއޮކްސައިޑްގެ ތެރެއިން 40,000 މެޓްރިކް ޓަނު މަދުކުރެވޭނެއެވެ. ހަމައެހެންމެ، މިއިން އުފައްދާ ކަރަންޓުގެ ތެރެއިން 10 މެގަވޮޓު މައި ގްރިޑާ ގުޅާލުމުން، ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް 2 މިލިއަން ޑޮލަރު ސަލާމަތްކުރެވޭނެ ކަމަށް ތިމާވެށްޓާ ބެހޭ ވުޒާރާއިން ލަފާކުރެއެވެ.
Ads by MACL
