މިނިސްޓްރީގެ ތާރީޚުގައިވެސް އެންމެ ގިނަ މަޝްރޫޢު ހިންގަނީ މިއަހަރު، 800 މަޝްރޫޢު ކުރިއަށް: ވަޒީރު ރާފިޢު
ކުޅިވަރާ ބެހޭ ވުޒާރާގެ ތާރީޚުގައިވެސް އެއް އަހަރެއްގެ ތެރޭގައި އެންމެ ގިނަ މަޝްރޫޢު ހިންގަމުންދަނީ މި އަހަރު ކަމަށާއި، އެގޮތުން 800 އަށްވުރެ ގިނަ މަޝްރޫޢު މިހާރުވެސް ކުރިއަށްދާ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އިބްރާހީމް ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ވަޒީރުންނާ ސީދާ ސުވާލުކުރެވޭ ގޮތަށް އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ 'އަހާ' ފޯރަމްގައި ވާހަކަދައްކަވަމުންނެވެ.
ވަޒީރު ރާފިޢު ފާހަގަކުރެއްވި ގޮތުގައި، މިއީ މިނިސްޓްރީގެ ތާރީޚުގައި ރެކޯޑު އަދަދެކެވެ. އަދި މި ސަރުކާރުން ވެރިކަމާ ހަވާލުވިފަހުން ކުޅިވަރު ވުޒާރާގެ ބެލުމުގެ ދަށުން 130 އަށްވުރެ ގިނަ މަޝްރޫޢު ފަށައި، އެއްކޮށް ނިންމާލައި ރައްޔިތުންގެ ބޭނުމަށް ހުޅުވާލާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ ތެރޭގައި ފުޓުބޯޅަ ދަނޑުތަކާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކުގެ އިތުރުން އައުޓްޑޯ ޖިމްތަކާއި އެކިއެކި ކުޅިވަރު ކޯޓުތައް ހިމެނެއެވެ.
Ads by BML"މިހާ ބައިވަރު މަސައްކަތްތައް ފެށިގެން ކުރިއަށް އެބަދޭ. ގިނަ ކަންތައްތައް މިހާރު މިދަނީ ނިމެމުން. މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ ތެރެއިން އަމަލީ މަސައްކަތް ނުފެށި ވަނީ އެންމެ 31 އިންސައްތަ މަޝްރޫޢުގައި،" ވަޒީރު ވިދާޅުވިއެވެ. ވަޒީރު އިތުރަށް ވިދާޅުވީ، މަޝްރޫޢުތައް ކިތަންމެ ގިނަވި ނަމަވެސް މި ދައުރުގެ ތެރޭގައި އެ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.
ސަރުކާރުގެ ކުޅިވަރު ސިޔާސަތުގެ ދަށުން ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުކުރުމެއްނެތި ހުރިހާ ރަށެއްގައި ވަސީލަތްތައް ގާއިމުކުރަމުންދާއިރު، މީގެ ކުރިން އަޅާނުލެވި ހުރި ކުޅިވަރުތަކަށް ބޭނުންވާ ރޭސިންގ ޓްރެކް، ޝޫޓިންގ އެރީނާ އަދި އޮލިމްޕިކް ފެންވަރުގެ ސްވިމިންގ ޕޫލް ފަދަ ޚާއްޞަ ފެސިލިޓީތައް ބިނާކުރުމުގެ މަސައްކަތްވެސް އެކި ފަރާތްތަކާ ގުޅިގެން ކުރިއަށްދާކަން ވުޒާރާއިން ފާހަގަކުރެއެވެ.
Ads by MACL
