ދައުލަތުގެ ބައެއް ކުންފުނިތަކަކީ ފައިދާ ހޯދަން ހުރި ތަންތަނެއް ނޫން، ބޭނުމަކީ އަސާސީ ޚިދުމަތް ދިނުން: ވަޒީރު ޙަސަން ޒަރީރު
ދައުލަތުގެ ހިއްސާވާ ބައެއް ކުންފުނިތަކަކީ ހަމައެކަނި ވިޔަފާރީގެ ފައިދާ ހޯދުމުގެ މަގްސަދުގައި ހިންގާ ތަންތަން ނޫން ކަމަށާއި، އެއީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މުހިންމު ބޭނުމުގައި އުފައްދާފައިވާ ކުންފުނިތަކެއް ކަމަށް މާލީ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ވަޒީރު ޙަސަން ޒަރީރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސާވިސް މީޑިއާ ގުޅިގެން ވަޒީރުންނާ ސީދާ ސުވާލުކުރެވޭ ގޮތަށް އާންމުންނަށް ހުޅުވާލައިގެން ބޭއްވި 'އަހާ' ފޯރަމްގައި ވާހަކަދައްކަވަމުންނެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން ރައްޔިތުންނަށް ފެނާއި، ކަރަންޓާއި، ސިއްހީ ޚިދުމަތް އަދި އަސާސީ ކާބޯތަކެއްޗާއި ތެލުގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކަކީ މާލީ ފައިދާއަށްވުރެ ބޮޑަށް ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދޭންޖެހޭ ތަންތަނެވެ. އެހެންކަމުން އެފަދަ ކުންފުނިތަކުގެ މައިގަނޑު މަސްއޫލިއްޔަތަކަށް ވާންޖެހޭނީ ހުއްޓުމެއްނެތި ރައްޔިތުންނަށް އެ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.
Ads by BML"ދައުލަތުގެ ބައެއް ކުންފުނިތަކަކީ އަސާސީ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ބޭނުމުގައި އުފައްދާފައިވާ ކުންފުނިތައް. އެ ކުންފުނިތަކަކީ ހަމައެކަނި ފައިދާ ހޯދުމަށް ހުރި ކުންފުނިތަކެއް ނޫން. އެތަންތަނުގެ އަގު ވަޒަންކުރަންޖެހޭނީ ރައްޔިތުންނަށް ދޭ ޚިދުމަތުގެ ފެންވަރަށް ބަލާފައި،" ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ސަރުކާރުގެ ސިޔާސަތަކީ މިފަދަ ކުންފުނިތަކުން ދޭ ޚިދުމަތްތަކަށް ބުރޫނާރާނެހެން، ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، އިސްރާފުތައް ކުޑަކުރުން ކަމަށްވެސް ވުޒާރާއިން ފާހަގަކުރެއެވެ. އަދި ދައުލަތުގެ މާލީ އިސްލާހީ ފިޔަވަޅުތަކުގެ ދަށުން، ކުންފުނިތައް މާލީގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ބޭނުންވާ އެހީތެރިކަމާއި އިރުޝާދު ދެމުންދާނެ ކަމަށް މާލީ ވުޒާރާއިން ހާމަކުރެއެވެ.
Ads by MACL
