ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެސްޑީއެފް ފަންޑުން 350 މިލިއަން ޑޮލަރު ޚަރަދުކޮށް، 500 މިލިއަން ޑޮލަރުގެ ސުކޫކު ދައުލަތުން އަނބުރާ ދައްކައިފި

ވަޒީރު ހަސަން ޒަރީރު / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ވަޒީރު ހަސަން ޒަރީރު / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

500 މިލިއަން ޑޮލަރުގެ ސުކޫކު އަނބުރާ ދެއްކުމަށް ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު އިން 350 މިލިއަން ޑޮލަރު ޚަރަދުކޮށްފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ހަސަން ޒަރީރު ހާމަކުރައްވައިފިއެވެ. ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދާ "އަހާ" ފޯރަމްގެ 10 ވަނަ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ޒަރީރު ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރުން އަހަރާ ކުރިމަތިލީ ތާރީޚުގައިވެސް އެކީ އެއްފަހަރާ އަދާކުރަންޖެހޭ ރެކޯޑް މިންވަރެއްގެ ބޮޑެތި މާލީ ޒިންމާތަކަކާ އެކުގައެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާ އެއްގޮތަށް، ދައުލަތުގެ ދަރަނިތައް ސަލާމަތްކުރުމަށް ހަރުދަނާ ސިޔާސަތުތަކެއްގެ ދަށުން މަސައްކަތް ކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަހަރުގެ ދެވަނަ ކުއާޓަރާ ހަމައަށް އައިއިރު ދުނިޔޭގެ ބާޒާރުގެ ހާލަތަށާއި ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ބަދަލުތަކާ ގުޅިގެން، ތަފާތު އެކި މަނިޓަރީ ފިޔަވަޅުތައް އަޅާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ބޭރު ފައިސާއިން ލިބޭ ޓެކްސް އާމްދަނީ ސޮވެރިން ފަންޑަށް ޖަމާކުރަން ފެށުމުން، މިދިޔަ އެޕްރީލް މަހާ ހަމައަށް އައިއިރު އެ ފަންޑަށް ރެކޯޑު މިންވަރަކަށް ފައިސާ ޖަމާކުރެވުނު ކަމަށާއި، އޭގެ ސަބަބުން ބޮޑެތި ދަރަނިތައް ދެއްކުމަށް ފަސޭހަވެގެންދިޔަ ކަމަށްވެސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ދައުލަތުގެ ރިޒާވްއަށް ކުރިއެރުން ހޯދުމަށް ކަނޑައެޅި ސިޔާސަތުގެ ދަށުން، މިދިޔަ މާރިޗް މަހާ ހަމައަށް އައިއިރު ރިޒާވްވެސް ރެކޯޑު މިންވަރަކަށް އިތުރުވި ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި އަހަރު ސަރުކާރުން ދެއްކި އެންމެ ބޮޑު ދަރަނި ކަމުގައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކު ދެއްކުމުގެ ތަފްސީލު ހިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ، އެސްޑީއެފް ފަންޑުން ޚަރަދުކުރި 350 މިލިއަން ޑޮލަރުގެ އިތުރުން، ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމަށް ޚަރަދުކޮށްފައިވާ ކަމަށެވެ.

ސަރުކާރުން މިހާތަނަށް ދަރަނިތައް އަދާކުރުމަށް ޖުމްލަ 1.4 ބިލިއަން ޑޮލަރު ޚަރަދުކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ ތެރޭގައި ހިމެނެނީ:
• 2021 ވަނަ އަހަރު އޭރުގެ ސަރުކާރުން ނަގާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކު.
• 2024 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ސޮއިކުރެއްވި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލީޓީ.

ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަކީ ކުއްލި ހާލަތްތަކުގައްޔާއި، ބޮޑެތި ތަރައްޤީގެ މަޝްރޫޢުތަކަށް ނަގާ ލޯނުތައް އަނބުރާ ދެއްކުމަށާއި، އިޤްތިޞާދީ ލޮޅުންތަކުން ސަލާމަތްވުމަށް ސަރުކާރުން އުފައްދާފައިވާ ޚާއްޞަ ފަންޑެކެވެ. މިއީ މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ރިޒާވްއާ މުޅިން ވަކިން ހިންގާ ފަންޑެކެވެ