ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރާއްޖޭގައި 1،270 އަށްވުރެ ގިނަ މަޝްރޫއު ކުރިއަށް އެބަދޭ، އެއްވެސް މަޝްރޫއެއް ހުއްޓައެއް ނުލާނަން: ފިނޭންސް މިނިސްޓަރު

ވަޒީރު ހަސަން ޒަރީރު / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ވަޒީރު ހަސަން ޒަރީރު / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިވަގުތުވެސް 1،273 މަޝްރޫއެއް ކުރިއަށްދާ ކަމަށާއި އެއްވެސް މަޝްރޫއެއް ހުއްޓާނުލައްވައި، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ނިންމުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ރައީސް އޮފީހާއި ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދާ "އަހާ" ފޯރަމްގައި އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ޒަރީރު ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުތަކަށް ބޭނުންވާ ރޮކް ބޯލްޑާ ނުވަތަ ބޮޑު ހިލަ ރާއްޖެއަށް ގެނައުމުގައި ދަތިތަކެއް ކުރިމަތިވި ކަމަށެވެ. އެކަމުގެ ސަބަބުން ބައެއް މަޝްރޫއުތައް ކުރިއަށްދިއުމުގައި ލަސްތަކެއް އައިސްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މަޝްރޫއުތައް ބެލެހެއްޓުމާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، ފިނޭންސް މިނިސްޓްރީގެ މޮނިޓަރިން ޓީމުން ހުރިހާ ކަމެއް ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި މިހާރު މަސައްކަތްތައް ކުރިއަށްގެންދަނީ ވަޒީރުންގެ ބެއްލެވުމުގެ ދަށުން، އިސްކަންދޭންޖެހޭ ތަރުތީބުން (ޕްރިއޯރަޓައިޒްކޮށްގެން) ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެ ޕްރިއޯރިޓީޒްތަކާ އެއްގޮތަށް ފައިސާ ވެސް އެލޮކޭޓް ކުރަމުން މި ގެންދަނީ. އެހެންވީމަ ހުރިހާ ރަށެއްގެ ހުރިހާ ޕްރޮޖެކްޓްތައް ވެސް އަޅުގަނޑުމެންނަށް ޕްރިއޯރަޓައިޒް ކުރެވިފައިވާ ގޮތަށް ކުރިއަށް ގެންދެވޭތޯ މަސައްކަތް މިކުރަނީ ފައިސާގެ އެވައިލިބިޓީއަށް ބަލާފައި،" ދައުލަތުގެ މާލީ ހާލަތަށް ރިއާޔަތްކުރައްވައި މިނިސްޓަރު ވިދާޅުވިއެވެ.

އެއްވެސް މަޝްރޫއެއް ހުއްޓާނުލައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވަމުން މިނިސްޓަރު ޒަރީރު އިތުރަށް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މަޝްރޫއުތަކަށް ބޭނުންވާ ސާމާނު ވީހާވެސް އަވަހަކަށް ރާއްޖެއަށް ގެނެސް، މަސައްކަތްތައް ހަލުވި ދުވެއްޔެއްގައި ނިންމާލުން ކަމަށެވެ.