ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މުމްބާއީގައި ޓައިގާ ޝްރޮފަށް އަމާޒުކޮށް ބަޑީގެ ހަމަލާއެއް ދީފި؛ 3 މީހަކަށް އަނިޔާ!

ބޮލީވުޑްގެ އެކްޓަރު ޓައިގާ ޝްރޮފަށް އަމާޒުކޮށް މުމްބާއީގެ ޖޫހޫ ސަރަހައްދުގައި ދިން ބަޑީގެ ހަމަލާއަށްފަހު، އޭނާ ދަތުރުކުރި BMW ކާރު ކައިރިއަށް މީހުން އެއްވެފައިވަނިކޮ /  ފޮޓޯ: އޭފްޕީ
ބޮލީވުޑްގެ އެކްޓަރު ޓައިގާ ޝްރޮފަށް އަމާޒުކޮށް މުމްބާއީގެ ޖޫހޫ ސަރަހައްދުގައި ދިން ބަޑީގެ ހަމަލާއަށްފަހު، އޭނާ ދަތުރުކުރި BMW ކާރު ކައިރިއަށް މީހުން އެއްވެފައިވަނިކޮ / ފޮޓޯ: އޭފްޕީ

މުމްބާއީގެ ޖޫހޫ ސަރަހައްދުގައި އިއްޔެ އިރުއޮއްސުނު ވަގުތު، ސައިކަލުތަކެއްގައި އައި ތިން މީހަކު ބޮލީވުޑްގެ އެކްޓަރު ޓައިގާ ޝްރޮފަށް އަމާޒުކޮށް ބީބީސީ ނިއުސް އާއި ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބަޑީގެ ނުރައްކާތެރި ހަމަލާއެއް ވަނީ ދީފައެވެ.

މި ހާދިސާގައި ޓައިގާއަށް އެއްވެސް އަނިޔާއެއް ނުލިބި ސަލާމަތްވި ނަމަވެސް، އޭނާގެ ޑްރައިވަރާއި މަގުމަތިން ދިޔަ އޮޓޯ ރިކްޝާ ޑްރައިވަރަކާއެކު ޖުމްލަ ތިން މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ

.
މި ހަމަލާ ދީފައިވަނީ ޖޫހޫގެ ޕުޝްޕާ ޕާކު ކައިރިން، ކްލަބެއްގައި ފުޓްބޯޅަ ކުޅުމަށްފަހު ޓައިގާ އެނބުރި ގެއަށް ދަނިކޮށް ކަމަށް ރިޕޯޓްތައް ބުނެއެވެ. މުމްބާއީ ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ޓައިގާގެ ޑްރައިވަރު ފިރްދައުސްގެ އަތަށް ވަނީ ބަޑީގެ ހަމަލާގެ ސަބަބުން އަނިޔާވެފައެވެ. މީގެ އިތުރުން މަގުމަތިން ދިޔަ އޮޓޯ ރިކްޝާ ޑްރައިވަރަކާއި އެހެން އާންމުންގެ މީހަކަށްވެސް މި ހަމަލާގައި އެކިވަރުގެ އަނިޔާވެގެން ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.

މި ހަމަލާގެ ޒިންމާ ލޯރެންސް ބިޝްނޯއީ ގޭންގުން މިހާރު ވަނީ އުފުލާފައެވެ. މިކަމާ ގުޅޭގޮތުން އެ ގޭންގްގެ މެންބަރެއް ކަމަށްވާ އަނިލް ޕަންޑިތު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، މި ހަމަލާއަކީ އޭނާއާއި ހަރްމަން ސަންދޫ އިސްވެ ތިބެ ދިން ހަމަލާއެއް ކަމަށެވެ. ޕަންޑިތު ބުނި ގޮތުގައި، މީގެ ކުރިން ޓައިގާއާ ގުޅައި ކަންތައްތަކެއް ވިސްނައިދޭން މަސައްކަތް ކުރި ނަމަވެސް އޭނާ އެކަން ގަބޫލުނުކުރުމުން، މިފަހަރު އޭނާއަށް ކަންކަން ރަނގަޅަށް ސާފުކޮށްދިނީއެވެ.

މީގެ އިތުރުން، ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ހާނާއެކު މަސައްކަތް ކުރުން ފިލްމީ ދާއިރާގެ އެކްޓަރުން ހުއްޓާނުލާހާ ހިނދަކު މިފަދަ ހަމަލާތައް ކުރިއަށްދާނެ ކަމުގެ ހަރުކަށި އިންޒާރުވެސް އެ ގޭންގުން ވަނީ ދީފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި 1998 ވަނަ އަހަރު ހިނގި "ބްލެކްބަކް" މެރުމުގެ މައްސަލައާ ގުޅިގެން، ލޯރެންސް ބިޝްނޯއީ ގޭންގުން ދަނީ ސަލްމާން ހާނާއި އޭނާއާ ގުޅުންހުރި މީހުންނަށް އަމާޒުކޮށް ސިލްސިލާ ހަމަލާތަކެއް ދެމުންނެވެ. ބިޝްނޯއީ ދަރިކޮޅުގެ މީހުންނަކީ ޖަނަވާރުން ހިމާޔަތްކުރުމުގެ ވަރުގަދަ އަގީދާއެއް ގެންގުޅޭ ބަޔަކަށްވާއިރު، އެމީހުން ބްލެކްބަކް ދެކެނީ މުގައްދަސް އެއްޗެއްގެ ގޮތުގައެވެ.

ނަމަވެސް، މި ހަމަލާގައި ބިޝްނޯއީ ގޭންގުގެ ހަގީގީ ބައިވެރިވުން އޮތްކަން މުމްބާއީ ފުލުހުން އަދި ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ. ހާދިސާ ހިނގި ސަރަހައްދަށް ފުލުހުންނާއި އެމްބިއުލާންސް ގޮސް، އެ ހިސާބު ބަންދުކޮށް، ހަމަލާދިން މީހުން ހޯދުމަށް ފުލުހުންގެ 15 ޓީމެއް އެކުލަވާލައިގެން މިހާރު ދަނީ ހާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ. ފުލުހުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާތަކުގެ ފުޓޭޖްތައް ނަގައިގެން ދިރާސާކުރަމުންނެވެ.

ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި މި ހަމަލާގެ އަސްލު މަގްސަދެއް އަދި މުޅިން ސާފެއް ނުވެއެވެ. މި މައްސަލައިގެ ފުޅާ ތަހުގީގެއް ކުރިއަށްދާއިރު، މިކަމާ ގުޅޭ އިތުރު ތަފްސީލުތައް އެނގޭނީ ތަހުގީގު ނިމުމުން ކަމަށް ބެލެވެއެވެ. މި ހާދިސާއާ ގުޅިގެން މުމްބާއީގެ ފިލްމީ ދާއިރާއާއި ޖޫހޫ ސަރަހައްދުގެ ރައްޔިތުންގެ މެދުގައި ވަނީ ބޮޑު ސިހުމަކާއި ނުތަނަވަސްކަމެއް އުފެދިފައެވެ.