ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރަސްމާލެ ޑީލުގެ ޕްރޮޕޯސަލް ހުށަހެޅީ ރާއްޖެއިން ކަމަށް އަލައްބާރު ވިދާޅުވި ވާހަކަ ސަރުކާރުން ދޮގުކޮށްފި

 ހައުސިންގ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބު ސަލާމްކުރައްވަނީ. / ފޮޓޯ: އީގަލް ހިލްސް
ހައުސިންގ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބު ސަލާމްކުރައްވަނީ. / ފޮޓޯ: އީގަލް ހިލްސް

ރަސްމާލެ ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢުގެ ޑީލަކީ ދިވެހި ސަރުކާރުން އިސްނަގައިގެން ހުށަހެޅި ޕްރޮޕޯސަލެއްގެ ދަށުން ކުރިއަށްދާ ކަމެއް ކަމަށް، އީގަލް ހިލްސް ކުންފުނީގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވި ވާހަކަ ދިވެހި ސަރުކާރުން ރަސްމީކޮށް ދޮގުކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަކާ ގުޅިގެން، ހައުސިންގ މިނިސްޓްރީން ފޮނުވި ރަސްމީ ޖަވާބުގައެވެ. ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމް މުހައްމަދު ސޮއިކުރައްވައި ފޮނުއްވި ސިޓީގައި ބުނެފައިވަނީ، ރަސްމާލެ މަޝްރޫޢުގެ ކޮމާޝަލް ޓާމްސް އެއްބަސްވުމުގައި ސެޕްޓެމްބަރު 21 ގައި ސޮއިކުރީ ސަރުކާރުން ހުށަހެޅި ޕްރޮޕޯސަލަކަށް ނޫން ކަމަށާއި، އެއީ އީގަލް ހިލްސް ކުންފުނިން އިސްނަގައިގެން ހުށަހެޅި ޕްރޮޕޯސަލެއްގެ މައްޗަށް ބިނާކޮށްފައިވާ އެއްބަސްވުމެއް ކަމަށެވެ.

އެ ސިޓީގައި ވާގޮތުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތު ޤަވާއިދުގެ 10.22 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ "އަމިއްލަ ފަރާތްތަކުން އިސްނަގައިގެން ހުށަހަޅާ މަޝްރޫޢުތަކާ ގުޅޭ އުސޫލު" ގެ ދަށުންނެވެ. އެހެންކަމުން، މި މަޝްރޫޢުގެ ޕްރޮޕޯސަލް ހިފައިގެން އައީ ސަރުކާރު ނޫން ކަމަށާއި، އެއީ އީގަލް ހިލްސް އިން އަމިއްލައަށް ހުށަހެޅި ހުށަހެޅުމެއް ކަމަށް ސަރުކާރުގެ ލިޔެކިޔުންތަކުން ސާފުވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ރަސްމާލެ މަޝްރޫޢުގެ އެގްރިމެންޓާ ގުޅޭގޮތުން ދެފަރާތުން ދައްކަމުންދާ ވާހަކަތަކުގައި ފުށުއެރުންތަކެއް ހުރިއިރު، މިއީ މި ޑީލުގެ ފެށުމާ ގުޅޭގޮތުން ސަރުކާރުން ރަސްމީކޮށް ބަޔާނެއް ދިން ފުރަތަމަ ފަހަރެވެ.