މާފުށީގައި ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި
ކ. މާފުށީގައި ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރި ކުރަމުންދާ ކަމުގެ ތުހުމަތުގައި، ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާއެކު ދިވެހި ޒުވާނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސަމޭދާން / ހދ. ކުޅުދުއްފުށި، ނަބީހު ޢަބްދުއްރަޝީދު (23އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި މާފުށީ ޕޮލިސް ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ.
މި މަހުގެ 16 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި، ކޯޓު އަމުރެއްގެ ދަށުން ނަބީހު ހައްޔަރުކޮށް، މާފުށީގައި އޭނާ ދިރިއުޅެމުންދިޔަ ގެ ބަލައިފާސްކުރިއިރު އެ ގޭގެ ތެރެއިން 42 ފުޅި ބަނގުރާ ވަނީ ފެނިފައެވެ.ފުލުހުން ވިދާޅުވީ، ނަބީހު ޢަބްދުއްރަޝީދުގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް 8 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ އިތުރުކޮށްދީފައެވެ. މާފުށީ ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
Ads by MACL
