މިއަހަރުގެ މިހާތަނަށް 1.7 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މިއަހަރުގެ މިހާތަނަށް ދިވެހިރާއްޖެއަށް 1.7 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި ހިނގާ އޮކްޓޫބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 1,703,169 (އެއް މިލިޔަން ހަތް ލައްކަ ތިން ހާސް ސަތޭކަ ފަސްދޮޅަސް ނުވައެއް) ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައި 1,758,659 ފަތުރުވެރިންނާ އަޅާބަލާއިރު 3 އިންސައްތައިގެ ދަށްވުމެކެވެ.
ނަމަވެސް، މި މަހުގެ ތަފާސްހިސާބުތަކުން ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިއެރުން ލިބެމުންދާކަން ފާހަގަކުރެވެއެވެ. އެގޮތުން އޮކްޓޫބަރު މަހުގެ ފުރަތަމަ 17 ދުވަހުގެ ތެރޭގައި 100,148 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 0.5 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި މިދިޔަ ހޮނިހިރު ދުވަހު އެކަނިވެސް ރާއްޖެއަށް 8,621 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ ފެބުރުވަރީ މަހުގެ ފަހުން ދުވާލެއްގެ މައްޗަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ ރެކޯޑް ދުވަހެވެ. މިހާރު ރާއްޖެއަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 5,998 ފަތުރުވެރިން ޒިޔާރަތްކުރެއެވެ.
Ads by BMLރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ 5 ގައުމު:
• ޗައިނާ: 320,962 ފަތުރުވެރިން
• ރަޝިއާ: 242,491 ފަތުރުވެރިން
• އިނގިރޭސިވިލާތް: 126,789 ފަތުރުވެރިން
• ޖަރުމަނުވިލާތް: 110,184 ފަތުރުވެރިން
• އިޓަލީވިލާތް: 102,008 ފަތުރުވެރިން
މިއަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަކީ 2.5 މިލިޔަން ފަތުރުވެރިން ގެނައުން ކަމަށްވީ ނަމަވެސް، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް އައި ލޮޅުމުގެ އަސަރު ރާއްޖޭގެ މާކެޓަށް ވަނީ ކޮށްފައެވެ.
މިކަމާ ގުޅިގެން ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް މީގެ ކުރިން ވިދާޅުވެފައިވަނީ، އިންޑަސްޓްރީގެ ބައިވެރިންނާއެކު ކުރެވުނު މަސައްކަތްތަކުގެ ނަތީޖާ ރަނގަޅުވަމުން އަންނަ ކަމަށާއި، އަހަރުގެ ފަހު ކުއާޓަރުގައި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއަރާނެ ކަމަށެވެ. އަދި މި ފެށޭ ފަތުރުވެރިކަމުގެ މީޑިއަމް ސީޒަނާ ދިމާކޮށް އިތުރު 7 އެއާލައިނެއްގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ހަމަޖެހިފައިވާކަންވެސް އެ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.
Ads by MACL
