ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އަތުލައިގަތް އަންހެނަކު ހޮސްޕިޓަލުގައި އޮއްވައި ބަންދަށް 15 ދުވަސް އިތުރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައިވާ އަންހެނެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
މި މައްސަލައިގައި ކޯޓުން ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ ސ. ހިތަދުއަށް ނިސްބަތްވާ 44 އަހަރުގެ އަންހެނެއްގެއެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ މަސްތުވާތަކެތި ބޭނުންކުރުމާއި، އެ ތަކެތި ގެންގުޅެ ބޭނުންކުރި ކަމުގެ މައްސަލައެއްގައެވެ.
ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން، އަންހެންމީހާ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައިވާތީ މުއްދަތު އިތުރުކުރުމުގެ އަޑުއެހުން ކުރިއަށްގެންގޮސްފައިވަނީ އޭނާގެ ޣައިރު ހާޒިރުގައެވެ. ނަމަވެސް، ފުލުހުން އޭނާ ހައްޔަރުކުރުމުގައި އަމަލުކޮށްފައިވަނީ ގާނޫނީ އިޖުރާއާތުތަކާ އެއްގޮތަށް ކަމަށް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.
Ads by BMLފުލުހުން ކޯޓަށް ހުށަހެޅި މައުލޫމާތުތަކަށް ބަލާއިރު، އޭނާ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާކަން އެނގެއެވެ. މީގެއިތުރުން، އޭނާއަކީ މީގެ ކުރިންވެސް ކުށުގެ ބަންދު ރެކޯޑު އޮތް މީހެއްކަން ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
އޭނާ ބަންދުގައި ބަހައްޓަން އަމުރުކުރި ސަބަބުތަކުގެ ތެރޭގައި، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަށް އެކަށީގެންވާ ހެކި ހުރުމާއި، ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ ކަމަށް ކޯޓުން ބުނެފައިވެއެވެ.
ކްރިމިނަލް ކޯޓުން ވަނީ ހޮސްޕިޓަލުން އޭނާ ދޫކޮށްލުމާއެކު، 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމަށް އަމުރުކޮށްފައެވެ. ކޯޓުން އޭނާގެ ބަންދަށް ދިން 15 ދުވަހުގެ މުއްދަތު ހަމަވާނީ އަންނަ ނޮވެމްބަރު މަހުގެ ދެ ވަނަ ދުވަހަށެވެ.
Ads by MACL
