ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވީއައިއޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެއާޕޯޓު ސެކިއުރިޓީ ކޮމިޓީގެ މުހިންމު ބައްދަލުވުމެއް ބާއްވައިފި

ވީއައިއޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެއާޕޯޓު ސެކިއުރިޓީ ކޮމިޓީގެ މުހިންމު ބައްދަލުވުމެއް ބާއްވައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އެވިއޭޝަން ސެކިއުރިޓީ ކަންކަން މުރާޖައާކޮށް، އެއާޕޯޓުގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަގުސަދުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ސެކިއުރިޓީ ކޮމިޓީ (ވީއައިއޭއެސްސީ) ގެ ބައްދަލުވުމެއް ބާއްވައިފިއެވެ.

މާލެ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމުގައި އެއާޕޯޓުގެ ސެކިއުރިޓީއާ ގުޅުންހުރި ކަމާބެހޭ މުހިންމު ފަރާތްތަކާއި އިސް ސްޓޭކްހޯލްޑަރުން ވަނީ ބައިވެރިވެފައެވެ.

މި ބައްދަލުވުމުގެ ތެރެއިން އެއާޕޯޓުގެ ސެކިއުރިޓީ ކަންކަން މިހާރަށްވުރެ ހަރުދަނާކޮށް، ދިމާވެދާނެ ނުރައްކާތަކުން ރައްކާތެރިވުމަށްޓަކައި އެކި މުއައްސަސާތަކާއި އިދާރާތަކުން ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. އަދި ވީއައިއޭގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ހުރި ގޮންޖެހުންތަކާއި، އެކަންކަން ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ވަނީ މުރާޖައާކޮށްފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ރާއްޖޭގެ މައި ބޮޑު ދޮރާށި ކަމަށްވާއިރު، އެއާޕޯޓުގެ ސެކިއުރިޓީ އުސޫލުތައް ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް މަތީ ފެންވަރުގައި ހިފެހެއްޓުމަކީ އެމްއޭސީއެލް އިން ހާއްސަ އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތެކެވެ. އެގޮތުން އެއާޕޯޓުގެ ސެކިއުރިޓީ ކޮމިޓީގެ މިފަދަ ބައްދަލުވުންތަކުގެ ސަބަބުން ދާއިރާގެ އެކި އިދާރާތަކުގެ މެދުގައި އޮންނަ ކޯޑިނޭޝަން އިތުރަށް ވަރުގަދަވެގެންދާނެއެވެ.