އިހުގެ އެވޭލާ ރަހަތަކާއެކު ފ. ނިލަންދޫގައި ކުލަގަދަ ކާބޯތަކެތީގެ މައުރަޒެއް ބާއްވައިފި
ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ފ. ނިލަންދޫ ކައުންސިލާއި އެ ރަށުގައި ހުންނަ ސަރުކާރުގެ އިދާރާތައް ގުޅިގެން "އެވޭލާ ކާބޯތަކެތީގެ މައުރަޒު 2026" ގެ ނަމުގައި ކުލަގަދަ ކާބޯތަކެތީގެ މައުރަޒެއް އިއްޔެ ބާއްވައިފިއެވެ.
ނިލަންދޫ ކައުންސިލުން ހާމަކުރި ގޮތުގައި، މި މައުރަޒު ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ ދިވެހިންގެ އެވޭލާ ތާރީޚީ ކާބޯތަކެއްޗާއި އިހުގެ ރަހަތައް އަންނަން އޮތް ޖީލުތަކަށް އަންގައިދިނުމެވެ. އަދި މިއަދުގެ ޒުވާނުންނަށް ކާބަފައިން ކައިބޮއި އުޅުނު ތަކެތި އަމަލީގޮތުން ފެނި، އެ ތަކެތީގެ ރަހަ ތަޖުރިބާކުރުމުގެ ފުރުސަތު ފޯރުކޮށްދިނުންވެސް މި ހަރަކާތުގެ ތެރޭގައި ހިމެނެއެވެ.
މި މައުރަޒުގައި ނިލަންދޫގެ ސަރުކާރުގެ 4 މުއައްސަސާއަކުން ވަރަށް ފޯރިއާއެކު ބައިވެރިވެ، ތަފާތު ގިނަ ސަގާފީ ކޭންތަކާއި ބާވަތްތައް ވަނީ ދައްކާލާފައެވެ.
Ads by BMLމައުރަޒުގައި ބައިވެރިވި އިދާރާތަކަކީ:
• ފ. އަތޮޅު ތަޢުލީމީ މަރުކަޒު
• ސަރުކާރުގެ ޚިދުމާތު މަރުކަޒު – ފާފު އަތޮޅު
• ފ. ނިލަންދޫ ޗިލްޑްރަންސް ސާރވިސް ސެންޓަރ
• ފ. ނިލަންދޫ ކައުންސިލް ޓީމު

މައުރަޒުގައި ބައިވެރިވި ޓީމުތަކުން ތައްޔާރުކުރި ކާބޯތަކެތީގެ ފެންވަރަށާއި، ސްޓޯލްތަކުގެ ޒީނަތްތެރިކަމަށް ބަލައި ޚާއްޞަ ވަނަތަކެއް ހޮވައި ވަނީ އިނާމު ދީފައެވެ.
އެގޮތުން ވަނަތައް ހާސިލްކުރި އިދާރާތަކަކީ:
1. އެންމެ ގިނަ ސަގާފީ ކާބޯތަކެތި ތައްޔާރުކުރި ޓީމު: ފ. ނިލަންދޫ ކައުންސިލް ޓީމު (މި ޓީމުން ވަނީ ދިވެހިންގެ ސަގާފީ އެކި ތަފާތު 370 އަށް ވުރެ ގިނަ ބާވަތްތަކުގެ ކެއުންތަކާއި ފޮނިކާތަކެތި ހުށަހަޅާފައެވެ).
2. އެންމެ ފުރިހަމައަށް ޒީނަތްތެރިކުރި އިދާރާ: ފ. ނިލަންދޫ ޗިލްޑްރަންސް ސާރވިސް ސެންޓަރުގެ "ޖެންޑާ ބަދިގެ" ސްޓޯލް.
3. އެންމެ ދިވެހިވަންތަ ރަހަލާ އަދި މީރު ސަގާފީ ކާބޯތަކެތި ތައްޔާރުކުރި އިދާރާ: ފ. އަތޮޅު ތަޢުލީމީ މަރުކަޒު (އެ މަރުކަޒުން ތައްޔާރުކުރި ތަކެއްޗަކީ ދިވެހިންގެ ކުރީގެ އަސްލު ރަހަތައް އެންމެ ފުރިހަމައަށް އެކުލެވިގެންވީ މީރު ތަކެތިކަން ފާހަގކުރެވުނެވެ).
މިފަދަ ސަގާފީ މައުރަޒެއް ބޭއްވުމުގެ ސަބަބުން ރަށުގެ އިޖުތިމާއީ ރޫހު އާލާވެ، ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ. ޚާއްޞަކޮށް، ރަށުގެ މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރުމުގެ ސަގާފަތެއް ގާއިމުވެ، އެއްބައިވަންތަކަން ބޮޑުވެއެވެ.
މީގެ އިތުރުން، ދިވެހިންގެ އެވޭލާ ތާރީޚާއި ކާބަފައިންގެ އާދަކާދަތައް އަންނަން އޮތް ޖީލުތަކަށް ދިރުވައި އާލާކުރުމަށް މިއީ ލިބޭ ވަރަށް ބޮޑު ބާރެކެވެ. މިއީ ރަށުގެ ފަންނުވެރިންނަށާއި ކައްކާ މީހުންނަށް އެމީހުންގެ ހުނަރުތައް ދައްކާލުމަށް ލިބުނު ރަނގަޅު މައިދާނެއްގެ އިތުރުން، ރަށުގެ އިގްތިސާދީ ހަރަކާތްތަކަށްވެސް ހެޔޮ ބަދަލުތަކެއް އައުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމެކެވެ.
މި މައުރަޒު ކުރިއަށް ދިޔަ ވަގުތު، ރަށުގެ ގިނަ އަދަދެއްގެ އާންމުންނާއި، ޚާއްޞަކޮށް ޒުވާނުންނާއި ކުޑަކުދިން މައުރަޒަށް ޒިޔާރަތްކުރިއެވެ. މައުރަޒުގެ ތެރެއިން ޒުވާނުންނަށް ވަނީ ކުރީގެ ކާބަފައިން ބޭނުންކުރި އެކި ކަހަލަ ފޮނިކާތަކެއްޗާއި، ކޭންތަކާއި، ދިޔާތަކެތި ތައްޔާރުކުރާ ގޮތުގެ މައުލޫމާތު ލިބި، އެ ތަކެތީގެ ރަހަ ބަލާލުމުގެ އަމަލީ ފުރުސަތު ލިބިގެންގޮސްފައެވެ.
ފ. ނިލަންދޫ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި، ސަރުކާރުގެ މުއައްސަސާތައް ގުޅިގެން މިފަދަ އިޖުތިމާއީ އަދި ސަގާފީ ހަރަކާތްތައް ބޭއްވުމަކީ ރަށުގެ އިޖުތިމާއީ ރޫހު އާލާވެ، ދިވެހިވަންތަކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ލިބޭ މުހިންމު ބާރެކެވެ.
Ads by MACL
