ރާއްޖޭގެ ފަސް ސަރަހައްދެއްގައި އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ: މުއްޠަލިބް
ރާއްޖޭގެ ފަސް ސަރަހައްދެއްގައި އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްދާ ކަމަށް، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، މިވަގުތު އެއާޕޯޓް އެޅުމުގެ އަމަލީ މަސައްކަތް ކުރިއަށްދާ ރަށްރަށާއި އެ މަޝްރޫއުތައް ނިންމުމަށް އިތުރަށް ބޭނުންވާނެ ކަމަށް އަންދާޒާކުރެވޭ ފައިސާގެ އަދަދު ސާފުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ކުރެއްވި ސުވާލަށް މަޖިލީހަށް ލިޔުމުން ދެއްވި ޖަވާބުގައެވެ.
ލިޔުމުން ދެއްވި ޖަވާބުގައި މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، މި ފަސް އެއާޕޯޓުގެ މަސައްކަތް ނިންމުމަށް މިހާރު ކަނޑައެޅިފައިވާ ބަޖެޓަށްވުރެ އިތުރަށް ފައިސާ ބޭނުންވާނެ ކަމަކަށް ނުބެލެވެއެވެ. ނަމަވެސް، ލ. އިސްދޫ-ކަލައިދޫގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ އެއާޕޯޓުގެ އަމަލީ މަސައްކަތް އަދި އެއްވެސް ފަރާތަކާ ހަވާލުކުރެވިފައި ނުވާތީ، އެ މަޝްރޫއަށް ބޭނުންވާ 600 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
Ads by BMLމިވަގުތު އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުތައް ކުރިއަށްދާ ފަސް ސަރަހައްދަކީ އައްޑޫ ގަން އެއާޕޯޓާއި، ހދ. މަކުނުދޫ އެއާޕޯޓާއި، ފ. މަގޫދޫ އެއާޕޯޓާއި، ރ. އަލިފުށި އެއާޕޯޓުގެ އިތުރުން ލ. އިސްދޫ-ކަލައިދޫ އެއާޕޯޓެވެ.
މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުތަކަށް ޖުމްލަ 540 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވައިގެ ބަނދަރުތައް ގާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ ގިނަ މަޝްރޫއުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާ ކަމަށް ސަރުކާރުން ހާމަކުރެއެވެ.
Ads by MACL
