ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

11 ރަށެއްގައި އައިސްޕްލާންޓް ބެހެއްޓުން މެލޭޝިއާގެ ކުންފުންޏަކާ ހަވާލުކޮށްފި

11 ރަށެއްގައި އައިސްޕްލާންޓް ބެހެއްޓުން މެލޭޝިއާގެ ކުންފުންޏަކާ ހަވާލުކޮށްފި

ރާއްޖޭގެ 11 ރަށެއްގައި ދުވާލަކު 30 ޓަނުގެ އައިސް އުފެއްދޭ އައިސްޕްލާންޓްތަކެއް ގާއިމުކުރުމުގެ ބޮޑު މަޝްރޫޢެއް މެލޭޝިއާގެ އަލްޓަސް އޮއިލް އެންޑް ގޭސް މެލޭޝިއާ އެސްޑީއެން ބީއެޗްޑީ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދިއުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބެވެ. އަދި އަލްޓަސް އޮއިލް އެންޑް ގޭސް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރުން ކަމަށްވާ ވިޖޭ ކޭ ޕިލާއީ އާއި މުޙައްމަދު ތައުފީޤު ބިނޮތްމާންއެވެ.

މި މަޝްރޫޢުގެ ދަށުން އައިސްޕްލާންޓްތައް ބެހެއްޓުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ހދ. ހުޅުދެލި، ށ. ކޮމަންޑޫ، ކ. ގާފަރު، އއ. ރަސްދޫ، މ. މުލައް، ގއ. މާމެންދޫ، ގއ. ނިލަންދޫ، ގއ. ވިލިނގިލި އަދި ގދ. ރަތަފަންދޫއެވެ. މި ރަށްރަށުގައި ގާއިމުކުރާ ކޮންމެ އައިސްޕްލާންޓަކީ ދުވާލަކު 30 ޓަނުގެ އައިސް އުފެއްދުމުގެ އިތުރުން 50 ޓަނުގެ އައިސް ރައްކާކުރެވޭނެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ ހިމެނޭހެން ފަރުމާކުރެވޭ ތަންތަނެވެ.

ރާއްޖޭގައި މިވަގުތު ދުވާލަކު 1,700 ޓަނުގެ އައިސް އުފެއްދުމުގެ ގާބިލުކަން ހުރި ނަމަވެސް، މަސްވެރިކަން ރަނގަޅުވާ މޫސުންތަކުގައި މަސްވެރިންނަށް އައިސް ހޯދުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހޭކަން ސަރުކާރުން ފާހަގަކުރެއެވެ. ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި އެއްކޮށް ނިންމުމަށް ތާވަލުކޮށްފައިވާ މި މަޝްރޫޢުގެ ސަބަބުން މަސްވެރިން އައިސް ހޯދުމަށް ކުރަންޖެހޭ ދަތުރުތަކާއި ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަވެ، އައިސް ލިބުމުގެ ދަތިކަމަށް އެދެވޭ ހައްލެއް ލިބިގެންދާނެއެވެ.

މި އެއްބަސްވުމުގެ ދަށުން ކޮންޓްރެކްޓަރުގެ ފަރާތުން ރާއްޖޭގެ ކަނޑުގެ މާހައުލާ ގުޅޭގޮތަށް ލޮނުފެން ބޭނުންކޮށްގެން ފިނިކުރާ ޓިއުބް އައިސްޕްލާންޓު ނިޒާމުތައް ފޯރުކޮށްދީ، ތަންތަން ބިނާކުރުމާއި، ހަރުކުރުމާއި، ޓެސްޓުކުރުމުގެ އިތުރުން އޮޕަރޭޝަނަށް ގެނައުމުގެ އެންމެހާ މަސައްކަތްތައް ކުރިއަށްދާނެއެވެ. މީގެއިތުރުން މަޝްރޫޢު މެނޭޖްކުރުމާއި، ތަކެތި އުފުލުމުގެ ކަންކަން ވިލަރެސްކުރުމާއި، ވޮރަންޓީ އާއި އާފްޓަރ-ސޭލްސް ހިދުމަތްތައް ދިނުންވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.