ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މަޖިލިސް މެންބަރުންގެ އިންޝުއަރެންސަކީ ދައުލަތަށް ޚަރަދު ކުޑަ ނިޒާމެއް: ފަލާޙް

އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް --
އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް --

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޚާއްޞަކޮށްފައިވާ ހެލްތު އިންޝުއަރެންސް ޕެކޭޖުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ބޮޑު ލުޔެއް ލިބި، ރައްޔިތުންނަށާއި ދައުލަތަށް ބޮޑެތި ފައިދާތަކެއް ވަމުންދާ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ މަޖިލިސް މެންބަރުންނާއި އެބޭފުޅުންގެ އާއިލާތަކަށް ދެމުން އަންނަ ޚާއްޞަ އިންޝުއަރެންސް އުވާލައި، އާންމު ރައްޔިތުންނެކޭ އެއްފަދައިން އާސަންދައިގެ ދަށުން ޚިދުމަތް ލިބޭގޮތް ހެދުމަށް އެދި އާންމު ރައްޔިތަކު ހުށަހެޅި އީ-ޕެޓިޝަނާ ގުޅޭގޮތުން މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ.

މެންބަރު ފަލާޙް ފާހަގަކުރެއްވި ގޮތުގައި، ކަންކަމުގެ ޙަޤީޤަތް ރަނގަޅަށް އޮޅުންނުފިލުވައި، އިޖުތިމާއީ މަސްލަހަތު ގެއްލޭ ގޮތަށް މިފަދަ ޕެޓިޝަންތައް ހުށަހެޅުމަކީ ހިތާމަހުރި ކަމެކެވެ. އަދި މި އިންޝުއަރެންސް ޕެކޭޖުގެ ސަބަބުން މެންބަރުން އާސަންދަ ނިޒާމުގެ ތެރެއިން ބޭރުވެ، ދައުލަތުން ކުރަންޖެހޭ ޚަރަދުތައް ނިސްބަތުން ކުޑަވެގެންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ ކޮންމެ މެންބަރަކަށް އިންޝުއަރެންސް ކުންފުންޏަށް ދައުލަތުން އަހަރަކު ދައްކަނީ 24،000 ރުފިޔާ ކަމަށާއި، އެއަށްވުރެ އިތުރަށް މެންބަރެއްގެ ސިއްހީ ކަންކަމަށް ދައުލަތުގެ ބަޖެޓުން އެއްވެސް ފައިސާއެއް ޚަރަދުކުރަން ނުޖެހޭ ކަމަށެވެ.

މި ނިޒާމުގެ ތެރެއިން އާސަންދައިން އަހަރަކު ކުރަންޖެހޭ 13.5 ލައްކަ ރުފިޔާގެ ޚަރަދު ސަލާމަތްވާކަން ފާހަގަކުރައްވަމުން، ރާއްޖެއިން ބޭރުން ފަރުވާ ހޯދުމުގައި ޓިކެޓާއި، ހުރުމާއި، ކެއުމުގެ ޚަރަދު ނުލިބޭތީ ގިނަ ފަހަރަށް މެންބަރުން އަމިއްލަ އަތުން ފައިސާ ދައްކަންޖެހޭ ކަމަށްވެސް ފަލާޙް ވިދާޅުވިއެވެ.

މަޖިލީހަށް ހުށަހެޅިފައިވާ އީ-ޕެޓިޝަނަކީ މެންބަރުންނާއި އެބޭފުޅުންގެ އާއިލާތަކަށް 19 ޤައުމަކުން އުމުރުދުވަހަށް ލިބޭ VIP ސިއްހީ އިންޝުއަރެންސް އުވާލުމަށް އެދި ހުށަހަޅާފައިވާ ޕެޓިޝަނެކެވެ.

އެ ޕެޓިޝަންގައިވާ ގޮތުން 2015 އިން 2025 އާ ދެމެދު މެންބަރުންގެ އިންޝުއަރެންސް ޕްރީމިއަމަށް އެކަނިވެސް ދައުލަތުން 100 މިލިއަނެއްހާ ރުފިޔާ ކުރެވިފައިވާތީ، އާންމު ރައްޔިތުންނެކޭ އެއްފަދައިން މެންބަރުންވެސް އާސަންދައާއި އެންސްޕާގެ ތެރެއިން ސިއްހީ ޚިދުމަތް ހޯދާ ބަޔަކަށް ހެދުމަށް ވަނީ ގޮވާލާފައެވެ.