ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ޙައްޤުތަކާ ބެހޭ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވާން ފާސްކޮށްފި
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ޙިމާޔަތްކޮށްދީ، އެކަންކަން ކަށަވަރުކުރުމަށްޓަކައި "އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތު ޑިސްއެބިލިޓީސް" ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު އިއްތިފާޤުން ފާސްކޮށްފިއެވެ.
މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާއެއްގައި މި މުޢާހަދާގައި ރާއްޖެއިން ބައިވެރިވުމަށް ފެންނަކަމަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުންގެ އިއްތިފާޤުންނެވެ.
މި ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ. މިއީ ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކުގެ ޙައްޤުތައް އިތުރަށް ހަރުދަނާކޮށް، ބައިނަލްއަޤްވާމީ ފެންވަރުގައި މެންބަރު ޤައުމުތައް ޒިންމާދާރުކުރެވޭނެ ނިޒާމެއް އެކަށައެޅުމުގެ މަޤްޞަދުގައި އެކުލަވާލާފައިވާ މުހިންމު އިޤްރާރެކެވެ.
Ads by BMLދިވެހިރާއްޖެއިން އަސްލު މުޢާހަދާ ކަމަށްވާ "ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތު ޑިސްއެބިލިޓީސް" 5 އެޕްރީލް 2010 ގައި ތަޞްދީޤުކުރި ނަމަވެސް، މިހާތަނަށް އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވެފައެއް ނުވެއެވެ. އިންސާނީ ޙައްޤުތަކާ ގުޅޭ ބައިނަލްއަޤްވާމީ ނިޒާމުތަކުގެ ދަށުން ރާއްޖެ ރިވިއުކުރުމުގެ މަރުޙަލާތަކުގައި، މި ޕްރޮޓޮކޯލް ވީއެންމެ އަވަހަކަށް ތަޞްދީޤުކުރުމަށް ރާއްޖެއަށް ގިނަ ރެކޮމެންޑޭޝަންތަކެއް މީގެ ކުރިން ލިބިފައިވެއެވެ.
މި އޮޕްޝަނަލް ޕްރޮޓޮކޯލްގެ ދަށުން މައިގަނޑު ދެ ނިޒާމެއް ގާއިމުވެގެންދާއިރު، އޭގެ ތެރޭގައި ވަކިވަކި ފަރުދުންނަށް ޝަކުވާ ހުށަހެޅުމުގެ ނިޒާމާއި އިންކުއަރީ ހިންގުމުގެ ނިޒާމު ހިމެނެއެވެ. އެގޮތުން ވަކިވަކި ފަރުދުން ނުވަތަ ބައެއްގެ ޙައްޤެއް ގެއްލިއްޖެ ހާލަތެއްގައި، ޤައުމީ ފެންވަރުގައި ލިބިދޭ ދާޚިލީ ޤާނޫނީ ހުރިހާ މަރުޙަލާއެއް ފުރިހަމަކުރުމަށްފަހު، އެކަމާ ގުޅޭ ޝަކުވާ އދ. ގެ ކޮމިޓީއަށް ހުށަހެޅުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.
އޭގެ އިތުރުން މެންބަރު ޤައުމަކުން މުޢާހަދާގައިވާ ޙައްޤަކަށް ނިޒާމީ ސިފައެއްގައި ބޮޑު މިންވަރަކަށް އަރައިގެންފައިވާ ކަމަށް އިތުބާރުހުރި ގޮތެއްގައި ތުހުމަތުކުރެވިއްޖެނަމަ، އެ މައްސަލައެއް ބަލައި ތަޙުޤީޤުކުރުމުގެ ބާރު އދ. ގެ ކޮމިޓީއަށް ލިބިގެންދާނެއެވެ. މި ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމާއެކު، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރުމުގައި ރާއްޖޭގެ ޤާނޫނީ އަދި އިޖުރާއީ ނިޒާމުތައް ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް އިތުރަށް ހަރުދަނާވެގެންދާނެއެވެ.
Ads by MACL
