ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފީފާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕަށް ވާދަކުރާ ރާއްޖޭގެ ފައިނަލް ސްކޮޑު އިއުލާނުކޮށްފި

ގައުމީ ފުޓްބޯޅަ މެޗެއްގެ ތެރެއިން / ފޮޓޯ: ކުލަބު މޯލްޑިވްސް
ގައުމީ ފުޓްބޯޅަ މެޗެއްގެ ތެރެއިން / ފޮޓޯ: ކުލަބު މޯލްޑިވްސް

އަޒަރުބައިޖާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕް އެންޑް ފެސްޓިވަލް 2026 ގައި ވާދަކުރާ ދިވެހިރާއްޖޭގެ ގައުމީ ޓީމުގެ ފައިނަލް ސްކޮޑު އެކުލަވާލައި މިއަދު އިއުލާނުކޮށްފިއެވެ.

މި ޒުވާން ގައުމީ ޓީމުގެ ހެޑް ކޯޗަކަށް ހަމަޖައްސާފައިވަނީ ތަޖުރިބާކާރު ކޯޗު އަޙްމަދު ޝާކިރު (ސާކިއްޓޭ) އެވެ. ޝާކިއްޓޭއަކީ ދާދި ފަހުން ނިމުނު 20 އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިން ޑިވެލޮޕްމަންޓް ފޭސްގައި ގައުމީ ޓީމަށް އިރުޝާދުދީ، 2029 ވަނަ އަހަރުގެ އޭޝިއަން ކަޕް ކޮލިފިކޭޝަނުން ރާއްޖެއަށް ޖާގަ ހޯދައިދިން ކޯޗެވެ. އޭނާގެ އެސިސްޓަންޓް ކޯޗުންގެ ގޮތުގައި ހަމަޖައްސާފައިވަނީ އަޙްމަދު ފައްރާހު (ފައްރަ) އަދި މަހިބަދޫ ޓީމުގެ ކޯޗު ހުސެއިން އައްބާހެވެ.

މި މަހުގެ 22 އިން 31 އަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ވަރުގަދަ ގްރޫޕެއްގައެވެ. ރާއްޖެއާއެކު މި ގްރޫޕްގައި ހިމެނެނީ:
• ފްރާންސް
• ދެކުނު އެފްރިކާ
• އެސްޓޯނިއާ
• ކޮސޯވޯ
• އަންގީލާ

މި މުބާރާތަކީ ދުނިޔޭގެ ފުޓްބޯޅައިގެ ކުރިމަގު ބައްޓަންކުރުމަށް ފީފާ ކައުންސިލުން ފާސްކޮށްގެން ބާއްވާ ހާއްސަ ފެސްޓިވަލެކެވެ. ފީފާގެ 211 މެންބަރު އެސޯސިއޭޝަނަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތް ކުރިއަށްދާނީ އާދައިގެ މުބާރާތްތަކާ ތަފާތު އޮނިގަނޑަކަށެވެ.

އެގޮތުން ކުޅުންތެރިންގެ ހުނަރު އިތުރުކުރުމަށްޓަކައި ދަނޑުގެ ސައިޒު ކުޑަކޮށް، 11 ކުޅުންތެރިންގެ ބަދަލުގައި މެޗުތަކުގައި ކުޅޭނީ 7 ނުވަތަ 9 ކުޅުންތެރިންނެވެ.
މި އަހަރު ފިރިހެން ކުދިންނަށް ހާއްސަކޮށްގެން މުބާރާތް ބޭއްވި ނަމަވެސް، 2027 ގައި ބާއްވާނީ އަންހެން ކުދިންގެ މުބާރާތެކެވެ.

އަދި 2028 އިން ފެށިގެން ކޮންމެ އަހަރަކުވެސް ދެ ބައިގެ މުބާރާތް އެއް ދުވަސްވަރެއްގައި ކުރިއަށްދާނެއެވެ. ފީފާއިން މި މުބާރާތް ބޭއްވުމަށް އަޒަރުބައިޖާން އިޚުތިޔާރުކުރީ ޒުވާން އެތުލީޓުންނަށް ބޭނުންވާ ފެންވަރު ރަނގަޅު ވަސީލަތްތައް ހުރުމުންނެވެ. މިއީ އަންނަ އަހަރު އެ ގައުމުގައި ބާއްވާ 20 އަހަރުން ދަށުގެ ވޯލްޑް ކަޕަށް ވެވޭ މުހިންމު ތައްޔާރީއެއް ކަމަށްވެސް ފީފާއިން ބުނެއެވެ.