ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރަސްމާލެ މަޝްރޫޢު: ރަސްމީ އެއްބަސްވުމުގައި ވަރަށް އަވަހަށް ސޮއިކުރަނީ، ސިއްރުކުރުމުގެ ސިޔާސަތު ބަދަލުކޮށްފި

"ރަސްމާލެ" ތަރައްޤީ ކުރުމުގެ މަޝްރޫޢު / ފޮޓޯ: އަދަދު އޮންލައިން
"ރަސްމާލެ" ތަރައްޤީ ކުރުމުގެ މަޝްރޫޢު / ފޮޓޯ: އަދަދު އޮންލައިން

ރަސްމާލެ ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢާ ގުޅޭގޮތުން މިހާތަނަށް ސޮއިކުރެވިފައިވަނީ ހަމައެކަނި ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ކަމަށާއި، ދިވެހިރާއްޖެއާއި ދިވެހި ރައްޔިތުންނަށް އެންމެ ލާބައާއި މަންފާލިބޭނޭ ގޮތަށް އެކުލަވައިލެވޭ ރަސްމީ ޤާނޫނީ އެއްބަސްވުމުގައި ވަރަށް އަވަހަށް ސޮއިކުރެވިގެންދާނެ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ސަރުކާރުން ބަޔާންކުރާ ގޮތުގައި، މި މަޝްރޫޢުގެ ހުރިހާ މަރުޙަލާއެއްވެސް ކުރިއަށްދާނީ ދިވެހި ލޮބުވެތި ރައްޔިތުން އެދޭ މިސްރާބަށް، ހާމަކަން ބޮޑު އަދި ދެފުއް ފެންނަ އުސޫލެއްގެ ދަށުންނެވެ. އަދި ކުރީގެ ސަރުކާރުތަކުން ކަންކަން ސިއްރުކޮށް ފޮރުވައިގެން ގެންގުޅުނު ސިޔާސަތު މިހާރު މާޒީވެފައިވާ ކަމަށާއި، މި ސަރުކާރުގައި ރައްޔިތުންނަށް ފޮރުވާނޭ ހަމަ އެންމެ ކަމެއްވެސް ނޯންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ވަނީ ދީފައެވެ.

މި މަޝްރޫޢުގެ ޤާނޫނީ އެއްބަސްވުންތަކުގެ ހާމަކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން، ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ރާއްޖޭގެ އިޤްތިސާދީ މިސްރާބު ބަދަލުކޮށް، ޤައުމު ބަނގުރޫޓުވުމުގެ މަގަށް ގެންދިއުމުގެ އެންމެ ބޮޑު އެއް ޒިންމާއެއް އުފުއްލަވަންޖެހޭ ބޭފުޅަކީ އޭރުގެ އިޤްތިސާދީ ވަޒީރު ފައްޔާޒު އިސްމާއީލް ކަމަށް ސަރުކާރުން ވަނީ ތުހުމަތުކޮށްފައެވެ.

ސަރުކާރުގެ އިސް ބޭފުޅުން ފާހަގަކުރެއްވި ގޮތުގައި، ފައްޔާޒު އިސްމާއީލް ވަޒީރުކަމުގައި ހުންނެވި ދުވަސްވަރު، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ދަށުން (އާރުޓީއައި) ފުނިފުނީން ހުށަހެޅުންތައް ހުށަހެޅުމުންވެސް، އޭރު ހެދިގެންދިޔަ ބޮޑެތި އެއްބަސްވުންތައް ހާމަނުކޮށް ސިއްރުކޮށް ފޮރުވާފައިވެއެވެ.

އޭގެ ސަބަބަކީ އެ އެއްބަސްވުންތަކުގެ ސަބަބުން ދިވެހި ޤައުމަށް ބޮޑެތި ގެއްލުންތަކެއް ވާނެކަން އޭރުގެ ބޭފުޅުންނަށް ސާފުކޮށް އެނގިވަޑައިގަންނަވާތީ ކަމަށްވެސް ސަރުކާރުން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތަކީ ޤައުމީ މަސްލަޙަތު އިސްކޮށް، ދިވެހިރާއްޖެ އިޤްތިސާދީ އަޅުވެތިކަމުން ސަލާމަތްކުރުން ކަމަށްވާއިރު، ރަސްމާލެ މަޝްރޫޢަކީ ދިވެހިންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ހިންގާ އެންމެ ސްޓްރެޓީޖިކް މަޝްރޫޢެވެ.

އެހެންކަމުން، މި މަޝްރޫޢުގެ ރަސްމީ ޤާނޫނީ އެއްބަސްވުން އެކުލަވައިލުމުގައި، ކުރީގެ ސަރުކާރުން ހެދި ގޯސްތައް ތަކުރާރު ނުކުރުމަށާއި، ކޮންމެ މާއްދާއަކުންވެސް ދިވެހި ދައުލަތަށާއި ރައްޔިތުންނަށް އެންމެ މަތީ ފައިދާ ލިބިދޭނެކަން ކަށަވަރުކުރުމަށް ސަރުކާރުގެ ޤާނޫނީ ޓީމުތަކުން ދަނީވަރަށް ބޮޑަށް ދިރާސާކުރަމުންނެވެ.

ދެފުއް ފެންނަ، ހާމަކަން ބޮޑު ސިޔާސަތެއްގެ ދަށުން ރަސްމާލެ މަޝްރޫޢުގެ ކުރިއަށް ހުރި މަރުޙަލާތައް ނިމިގެންދާއިރު، ސަރުކާރުން ވަނީ ރައްޔިތުންގެ މަންފާއަށްޓަކައި ކުރާ އެއްވެސް ކަމެއް ސިއްރު ނުކުރާނެ ކަމުގެ ބަސްދީފައެވެ.

މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދަށް އާ ދިރުމެއް ލިބި، ބޯހިޔާވަހިކަމުގެ ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް މާހިރުން ލަފާކުރާއިރު، ރަސްމީ އެއްބަސްވުމުގައި ސޮއިކުރުމުގެ އެންމެ ފަހުގެ އިދާރީ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށް ސަރުކާރުގެ މުއައްސަސާތަކުން މަޢުލޫމާތުދެއެވެ.