ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މީރާގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަޤާމަށް އަޙްމަދު ޝަފްނީޒް ޢައްޔަންކުރުމަށް ފާސްކޮށްފި

މީރާގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަޤާމަށް އަޙްމަދު ޝަފްނީޒް ޢައްޔަންކުރުމަށް ފާސްކޮށްފި

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް އަޙްމަދު ޝަފްނީޒް ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

މި މަޤާމަށް ޝަފްނީޒް ޢައްޔަންކުރަން މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެންބަރުންގެ އިއްތިފާޤުންނެވެ. މި މައްސަލަ ދިރާސާކުރި މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީން ކުރިއަށްގެންދިޔަ އިންޓަވިއު މަރުޙަލާގައި ޝަފްނީޒް ވަނީ 96.20 އިންސައްތަ މާކްސް ހޯއްދަވައި، ނަން ފޮނުއްވި ބޭފުޅުންގެ ތެރެއިން އެންމެ މަތީ ނަތީޖާއެއް ހާސިލުކުރައްވާފައެވެ.

ސ. ހުޅުދޫ، ބަގީޗާގެ، އަޙުމަދު ޝަފްނީޒަކީ މިހާތަނަށް މީރާގެ އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ޑިރެކްޓަރ ޖެނެރަލްގެ މަޤާމު ފުރައްވަމުން ގެންދެވި ބޭފުޅެކެވެ.

މީރާގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ތިން ބޭފުޅެއްގެ ނަން ފޮނުއްވީ މި ހިނގާ މަހުގެ 5 ވަނަ ދުވަހުއެވެ. ޝަފްނީޒުގެ އިތުރުން ރައީސް ފޮނުއްވި ނަންފުޅުތަކުގެ ތެރޭގައި ހިމެނެނީ ވ. މިޔަރެސް، އަޙުމަދު މައުސޫމްގެ އިތުރުން ކ. ދިއްފުށި، ކަނޑުގަސްދޮށުގެ، މަރިޔަމް ޖައިދާއެވެ.

މީރާގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލްގެ މަޤާމު ހުސްވެފައިވަނީ، ކުރިން އެ މަޤާމުގައި ހުންނެވި ފާޠިމަތު އަމީޒާ މިދިޔަ ޖުލައި މަހުގެ 19 ވަނަ ދުވަހު ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ޢައްޔަންކުރެއްވުމާ ގުޅިގެންނެވެ.