30،000 ރ. ގެ ސްކޭމް މައްސަލައެއްގެ ތަހުގީގަށް އަންހެނަކު ހޯދަން ފުލުހުން އިއުލާނުކޮށްފި
ފިހާރައެއްގެ އެކައުންޓަށް މަކަރާއި ހީލަތުން ހޯދި ފައިސާ ޖަމާކޮށްގެން މުދާ ނެގި ކަމަށް ތުހުމަތުކުރެވޭ 30،000 ރުފިޔާގެ ސްކޭމް މައްސަލައެއްގެ ތަހުގީގަށް، 54 އަހަރުގެ ދިވެހި އަންހެނަކު ހާޒިރުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި-ސްކޭމް ސެންޓަރުން މިއަދު އާންމުކޮށް އިއުލާނުކޮށްފިއެވެ.
މި މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށްޓަކައި ފުލުހުން ހޯދަމުންދަނީ މާލެ، މ. ގޯބިލިގަސްދޮށުގެ، ސަލީމާ ސަލީމް (A125066) އެވެ.
ފުލުހުން ހާމަކުރި ގޮތުގައި އޭނާ ހޯދުމަށް އާންމުކޮށް އިއުލާނުކުރަން ޖެހުނީ، އުޅޭ ވަކި ތަނެއް އެނގިފައި ނުވުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމުގެ ޗިޓު ރައްދުކުރެވިފައި ނުވާތީއެވެ. މިއީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާއަށް ރިއާޔަތްކޮށް ކުރި އިއުލާނެކެވެ.
Ads by BMLއެންޓި-ސްކޭމް ސެންޓަރުން ބަލަމުންދާ މި މައްސަލައިގައި ސަލީމާގެ މައްޗަށް ކުރެވޭ ތުހުމަތަކީ، މަކަރާއި ހީލަތުން ހޯދާފައިވާ ފައިސާ ފިހާރައެއްގެ އެކައުންޓަށް ޓްރާންސްފާ ކުރުމަށްފަހު، އެ ފިހާރައިން މުދަލާ ހަވާލުވާން ދިޔަ މީހަކީ އޭނާ ކަމަށްވާތީއެވެ.
މި މައްސަލައިގެ ތުހުމަތުގައި ސުވާލުކުރުމަށްޓަކައި، 2026 އޮކްޓޫބަރު 26 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް ސާޖަންޓު އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް ހާޒިރުވުމަށް ފުލުހުން ވަނީ އޭނާއަށް އަންގާފައެވެ.
ސަލީމާއަކީ މީގެ ކުރިންވެސް މަކަރާއި ހީލަތުގެ ތަފާތު މައްސަލަތަކުގެ ތުހުމަތު ކުރެވިފައިވާ މީހެކެވެ. އެގޮތުން 2024 ވަނަ އަހަރު ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރި ސްކޭމް މައްސަލައެއްގައިވެސް އޭނާ ނުފެނިގެން ހޯދަން ފުލުހުން އިއުލާނުކުރިއެވެ. ނަމަވެސް އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކުރިކަން ނުވަތަ ނޫންކަން ސާފެއް ނުވެއެވެ.
މީގެ އިތުރުންވެސް، ސަލީމާއަކީ އެހެނިހެން ކުށްތަކުގެ ރެކޯޑުވެސް އޮންނަ މީހެއްކަން މައުލޫމާތު ލިބިފައިވެއެވެ.
Ads by MACL
