ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މަސްތުވާތަކެތި ދިރުވާލައިގެން ރާއްޖެއަށް އެތެރެކުރަން އުޅުނު ނޭޕާލްގެ ދެ ފަސިންޖަރުން އަތުލައިގެންފި

މަސްތުވާތަކެތި ދިރުވާލައިގެން ރާއްޖެއަށް އެތެރެކުރަން އުޅުނު ނޭޕާލްގެ ދެ ފަސިންޖަރުން އަތުލައިގެންފި

ހަށިގަނޑު ތެރޭގައި ރައްކާކޮށްގެން ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުނު ބިދޭސީ ދެ ފަސިންޖަރަކު މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އަތުލައިގަނެފިއެވެ.

މި މައްސަލައިގައި އަތުލައިގެންފައިވަނީ މިދިޔަ ސެޕްޓެންބަރު މަހުގެ 25 ވަނަ ދުވަހު ތައިލެންޑުން ރާއްޖެއައި ނޭޕާލްގެ ދެ ރައްޔިތެކެވެ. އެ މީހުންނާމެދު ޝައްކުކުރެވުނީ އެއާޕޯޓުގައި އުޅުނުއިރު ޢަމަލުތައް ހުރިގޮތުން ކަމަށްވާއިރު، ކަސްޓަމްސް އޮފިސަރުން ސުވާލުކޮށް އިތުރަށް ބަލައިފާސްކުރުމުގެ ތެރޭގައި އެ މީހުން މަސްތުވާތަކެތި ދިރުވާލައިގެން އެތެރެކުރަން އުޅުނުކަން ވަނީ ހާމަވެފައެވެ.

ކަސްޓަމްސްއިން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި އޮޕަރޭޝަނުގައި އަތުލައިގަތް ތަކެތީގެ ޖުމްލަ ބަރުދަނުގައި 1183.8 ގްރާމް (ގާތްގަނޑަކަށް 1.18 ކިލޯގްރާމް) ހުރެއެވެ. އޭގެ ތެރޭގައި ހިމެނެނީ 708.2 ގްރާމްގެ ހެރޮއިންއާއި، 424 ގްރާމްގެ ކޮކެއިންގެ އިތުރުން 51.6 ގްރާމްގެ މޯފިންއެވެ.

މި ބާވަތުގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމަކީ ބޮޑު ކުށަކަށްވާއިރު، ހައްޔަރުކުރެވުނު ދެ ބިދޭސީންގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ، ދިވެހިރާއްޖޭގެ ޤާނޫނުގައިވާ ގޮތުގެމަތިން ބޮޑު ޖޫރިމަނާއަކާއެކު ޢުމުރު ދުވަހުގެ ޖަލު ހުކުމެއް އެ މީހުންގެ މައްޗަށް އަންނާނެއެވެ.