ފުވައްމުލަކުގައި ސްޓެލްކޯގެ ކަރަންޓު ޚިދުމަތް ރަސްމީކޮށް ފަށައިފި
ފުވައްމުލަކު ސިޓީގެ ކަރަންޓުގެ ޚިދުމަތް ދިވެހިރާއްޖޭގެ އެނާޖީ ކުންފުނި ސްޓެލްކޯގެ ދަށަށް ރަސްމީކޮށް ބަދަލުކޮށް، އެ ސިޓީގައި އެ ކުންފުނިން އޮޕަރޭޝަންތައް ފަށައިފިއެވެ.
މި ބަދަލާ ގުޅިގެން ފުވައްމުލަކުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޤައުމީ ދިދަ ނަންގަވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރެވެ. އަދި ކުންފުނީގެ ދިދަ ނަންގަވައިދެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢާއިޝަތު މުޒްނާއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަޒުވަރު ވިދާޅުވީ، ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ދަށުން ފެނަކައިގެ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުވުމަކީ ފުވައްމުލަކުގެ ތަރައްޤީއަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށެވެ. އަދި އެ ސިޓީގެ ކަރަންޓުގެ ޚިދުމަތް ސްޓެލްކޯގެ މިންގަނޑުތަކަށް ފެތޭ ގޮތަށް މަތީ ފެންވަރެއްގައި ދިނުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރުމަށް މުވައްޒަފުންގެ ކިބައިން އޭނާ އެދިވަޑައިގަތެވެ.
Ads by BMLފެނަކަ ކޯޕަރޭޝަން އުވާލައި، އެ ކުންފުނިން ދެމުން އައި ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު ސަރުކާރުން ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މިއީ ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށް އެޅުއްވި ފިޔަވަޅެކެވެ.
މި ނިންމެވުމާ ގުޅިގެން ސްޓެލްކޯއިން އަންނނީ އެކި ސަރަޙައްދުތަކުގެ އޮޕަރޭޝަންތަކާ ވަކިވަކިން ހަވާލުވަމުންނެވެ. އެގޮތުން ހއ. އަތޮޅުގެ ރަށްތަކާއި ހދ. ކުޅުދުއްފުށީގެ އިތުރުން އައްޑޫ ސިޓީގެ ކަރަންޓުގެ ޚިދުމަތާވެސް އެ ކުންފުނިން މިހާރު ވަނީ ރަސްމީކޮށް ހަވާލުވެފައެވެ.
Ads by MACL
