ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މިދިޔަ ހަފްތާގައި ތިން ލައްކައަށްވުރެ ގިނަ ރުފިޔާގެ ސްކޭމް ހިންގި: ތަފާސްހިސާބު

ޕޮލިސް ހެޑްކްއާޓަރ ---
ޕޮލިސް ހެޑްކްއާޓަރ ---

އޮޅުވާލައިގެން ފައިސާ އަތުލުމުގެ މައްސަލަތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި، މިދިޔަ ހަފްތާގެ ތެރޭގައި އެކަނިވެސް ސްކޭމްތަކުގައި 3.8 ލައްކައަށްވުރެ ގިނަ ރުފިޔާ އާންމުންގެ އަތުން ގެއްލިފައިވާކަން ދިވެހި ފުލުހުންގެ ހިދުމަތުގެ އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

އެންޓި ސްކޭމް ސެންޓަރުން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު، މިދިޔަ ހަފްތާގެ ތެރޭގައި ސްކޭމްގެ 38 މައްސަލައެއް އެ ސެންޓަރަށް ވަނީ ރިޕޯޓުކޮށްފައެވެ. މި މައްސަލަތަކުގައި ޖުމްލަ 387,881.10 ރުފިޔާ ގެއްލިފައިވާއިރު، ކަމާގުޅޭ އިދާރާތަކާއި ބޭންކުތަކާ ގުޅިގެން ކުރެވުނު މަސައްކަތުން 208,708.20 ރުފިޔާ އަނބުރާ ހޯދިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިދިޔަ ހަފްތާގައި ރިޕޯޓުކުރެވުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ އޮންލައިން ވިޔަފާރިތަކާ ގުޅުންހުރި މައްސަލަތަކެވެ. އެގޮތުން އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރީގެ 16 މައްސަލައެއް ހުށަހެޅިފައިވާއިރު، ބޭރު ފައިސާ މާރުކުރުމުގެ 10 މައްސަލައަކާއި، ބުކިން ކެންސަލްކޮށް ރިފަންޑް ހޯދުމުގެ 5 މައްސަލައެއް ވަނީ ހުށަހެޅިފައެވެ. މީގެ އިތުރުން އިންވެސްޓްމަންޓް ސްކޭމްގެ 2 މައްސަލައެއްގެ އިތުރުން އެހެނިހެން ބާވަތުގެ 5 މައްސަލައެއްވެސް ރިޕޯޓުކޮށްފައިވެއެވެ.

މިފަދަ އޮޅުވާލުންތައް ހިންގުމަށް މީސްމީޑިއާއާއި މުވާސަލާތީ އެކި މަންސަތައް ބޭނުންކޮށްފައިވާކަން ފުލުހުން ފާހަގަކުރެއެވެ. އެގޮތުން ފޭސްބުކް މާކެޓްޕްލޭސް، ވައިބާ، ޓެލެގްރާމް، ވަޓްސްއެޕް، އިންސްޓަގްރާމް، ޓިކްޓޮކް، އައިބޭ، ފޯނު ކޯލްތައް އަދި ފިޝިން ލިންކުތައް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ އަތުލުމުގެ އަމަލުތައް ހިންގާފައިވާކަމަށް އެންޓި ސްކޭމް ސެންޓަރުން މަޢުލޫމާތުދެއެވެ.

ސްކޭމްތަކުން ސަލާމަތްވުމަށްޓަކައި އޮންލައިންކޮށް ފެންނަ އިޝްތިހާރުތަކާއި، ލިބޭ މެސެޖުތަކާއި ކޯލްތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ. އަދި އަވަސް އަރުވާލައިގެން ފައިސާ ފޮނުވަން އެދޭ އެދުންތަކަށް ސަމާލުވެ، އޯޓީޕީ، ޕާސްވޯޑް ނުވަތަ ބޭންކިން މައުލޫމާތު އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށާއި، ޝައްކުއުފެދޭ ކަމެއް ކުރިމަތިވެއްޖެނަމަ ލަސްނުކޮށް ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމަށް ފުލުހުން ވަނީ އެދިފައެވެ.

މީގެ އިތުރުން، ފައިސާ ގެއްލުމަށްފަހު އަނބުރާ ހޯދުމަކީ އުނދަގޫ ބުރަ މަސައްކަތެއްކަމަށާއި، ބައެއް ހާލަތްތަކުގައި އެ ފައިސާ އެއްކޮށް ގެއްލުމުގެ ފުރުސަތު ބޮޑުކަންވެސް ތަފާސްހިސާބުތަކަށް އަލިއަޅުވާލައި ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ.