ބޯހިޔާވަހިކަމުގެ ތާރީޚީ ބަދަލަކަށް ރައީސް ޑރ. މުޢިއްޒުގެ ދުރުވިސްނުންފުޅު: ރަސްމާލެއާއެކު ރާއްޖެއަށް އިންގިލާބީ ބިޔަ އިންވެސްޓްމަންޓެއް!
ދިވެހިރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ އަދި ޖުމްލަ ޙައްލެއް ކަށަވަރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ދުރުވިސްނުންފުޅާއި ސިޔާސަތުތަކަށް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުންނާއި އާންމުންގެ ބޮޑު ސަމާލުކަމެއް ހުށަހެޅެން ފަށައިފިއެވެ.
މި ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫޢަކީ ބޯހިޔާވަހިކަމުގެ ޓޯޓަލް ސޮލިއުޝަން ނުވަތަ ދާއިމީ ހައްލެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވާ ރަސްމާލެ ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢެވެ.
ރައީސް ޑރ. މުޢިއްޒުގެ ބޯހިޔާވަހިކަމުގެ މާސްޓަރ ޕްލޭނަކީ ދިވެހިރާއްޖޭގެ ތާރީޚުގައިވެސް ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ތަކްލީފުތައް އެއްކޮށް ނައްތާލުމަށް ފަރުމާކުރެވިފައިވާ ދުރުވިސްނުންތެރި ސިޔާސަތެއްގެ ގޮތުގައި މިނިސްޓްރީތަކުންނާއި ސަރުކާރުގެ އިސްވެރިން ސިފަކުރައްވައެވެ.
Ads by BMLމި މަޝްރޫޢުގެ ދަށުން އަބޫދާބީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސް އާއެކު ސަރުކާރުން ވަނީ މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ މަޝްރޫޢު ކުރިއަށްގެންދިއުމަށް އެއްބަސްވުމެއް އެކުލަވާލާފައެވެ. 20 ބިލިއަން އެމެރިކާ ޑޮލަރުގެ މި ބިޔަ އިންވެސްޓްމަންޓަކީ ރާއްޖޭގެ ތާރީޚުގައިވެސް ހިންގާ އެންމެ ބޮޑު ބޭރުގެ އިންވެސްޓްމަންޓެވެ.
މީގެ ދަށުން ރަސްމާލެއިން ކަނޑައެޅޭ 500 ހެކްޓަރުގެ ސަރަހައްދެއްގައި ޒަމާނީ ސިޓީއަކާއި، މެރީނާ އަދި ވޯޓަރފްރަންޓް ތަރައްޤީކުރެވޭނެއެވެ.
މި އެއްބަސްވުމުގެ ދަށުން އީގަލް ހިލްސްއިން އެންމެ ފުރަތަމަ ފިޔަވަހީގައި ދިވެހި ރައްޔިތުންނަށް ޚާއްޞަކޮށްގެން 5,000 ސޯޝަލް ހައުސިންގ ޔުނިޓް ބިނާކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. ރައީސް ޑރ. މުޢިއްޒު ކަށަވަރުކޮށްދެއްވާފައިވާ ގޮތުގައި، މި ސިޓީ ތަރައްޤީކުރުމަށް ބޭރުގެ ކުންފުންޏަކަށް ބިން ކުއްޔަށް ދޫކުރި ނަމަވެސް، ދިވެހި ރައްޔިތުންނަށް ރަސްމާލެއިން ލިބެންޖެހޭ ބޯހިޔާވަހިކަމުގެ އެއްވެސް ފުރުޞަތަކަށް މީގެ ސަބަބުން ބަދަލެއް ނާންނާނެއެވެ. ރަސްމާލޭގެ ބާކީ އޮތް ބައި ބޭނުންކުރެވޭނީ ސީދާ ދިވެހިންގެ ބޯހިޔާވަހިކަމުގެ ބޭނުންތަކަށެވެ.
މި ބިޔަ މަޝްރޫޢުގެ ސަބަބުން ދިވެހިރާއްޖޭގެ ޖުމްލަ ޖީޑީޕީ އަށް އިންގިލާބީ ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް މާލީ ތަފާސްހިސާބުތަކުން ދައްކައެވެ. ސަރުކާރުގެ ސޮވެރިން ގެރެންޓީއަކާ ނުލައި އަދި ދައުލަތް ދަރަނިވެރި ނުވާނެހެން ހިންގާ 20 ބިލިއަން ޑޮލަރުގެ މި އިންވެސްޓްމަންޓަކީ ރާއްޖޭގެ ވިޔަފާރީގެ މާހައުލު މުޅިން ބަދަލުކޮށްލާނެ ކަމެކެވެ.
މަޝްރޫޢުގެ 10 އަހަރުގެ ތަރައްޤީގެ މުއްދަތުގައި ދައުލަތަށް 11 ބިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރުގެ އާމްދަނީ ލިބޭނެ ކަމަށް ފައިނޭންސް މިނިސްޓްރީން ލަފާކުރެއެވެ. މީގެ ސަބަބުން ޤައުމުގެ މާލީ ހާލަތު ވަރުގަދަވެ، ދާޚިލީ ވިޔަފާރިތަކަށް އައު މާރުކޭޓުތަކެއް ހުޅުވިގެންދާނެއެވެ.
ރަސްމާލެ މަޝްރޫޢަކީ ހަމައެކަނި ބޯހިޔާވަހިކަމުގެ ސަރަހައްދެއް ނޫނެވެ. އެ ސިޓީ ތަރައްޤީވެގެން އަންނައިރު، ޖުމްލަ 54,000 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު (އޭގެ ތެރެއިން 15,000 އަށްވުރެ ގިނަ ވަޒީފާ ސީދާ ވޯޓަރފްރަންޓް ސަރަހައްދުން) އުފެދިގެންދާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ހަދާ 1,500 އެއްހާ ފިހާރަ ކުއްޔަށް ދިނުމުގައި ދިވެހި ވިޔަފާރިވެރިންނަށް އިސްކަންދޭން ވަނީ ނިންމާފައެވެ.
މީގެ ސަބަބުން ރަށުގައި ދިރިއުޅޭ ރައްޔިތުން ވަޒީފާ ހޯދުމަށް މާލެއަށް ދަތުރުކުރާކަށް ނުޖެހޭނެއެވެ. މިއީ ދިވެހި ޒުވާނުންނަށާއި އައު ވިޔަފާރިތަކަށް ލިބޭނެ ރަން ފުރުޞަތެކެވެ.
މި މަޝްރޫޢާ ގުޅިގެން އިދިކޮޅު ފަރާތްތަކުން (ޚާއްޞަކޮށް އެމްޑީޕީން) ދަނީ ބައެއް ކަންބޮޑުވުންތައް ފާޅުކުރަމުންނެވެ. އެގޮތުން، 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރުގެ ކުންފުންޏަކަށް ދިނުމުގައި ޓްރާންސްޕޭރެންޓް ޓެންޑަރިންގ މަރުޙަލާއެއް ކުރިއަށް ނުގެންދާ ކަމަށް ބުނެ މަޖިލީހަށް ވަނީ ރިޒޮލިއުޝަނެއް ހުށަހަޅާފައެވެ. ނަމަވެސް، ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވަނީ، މި އެއްބަސްވުމުގެ ސަބަބުން ދިވެހިންގެ ބޯހިޔާވަހިކަމުގެ ފުރުޞަތެއް ގެއްލިގެން ނުދާނެ ކަމަށާއި، މިއީ ކުރިއަށް އޮތް ޖީލުތަކަށްވެސް އޭގެ ލާބަޔާއި މަންފާ ކުރާނެ ޤައުމީ ބޮޑު ސިޔާސަތެއް ކަމަށެވެ.
ރަސްމާލޭގައި ތަރައްޤީކުރާ "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" މަޝްރޫޢު ފުރިހަމަވެގެން އަންނައިރު، ރާއްޖޭގެ ފަތުރުވެރިކަމަށް މުޅިން އައު ޑިމާންޑެއް އުފެދޭނެއެވެ.
މި މަޝްރޫޢުގެ ސަބަބުން އަހަރަކު އިތުރު 1 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ. އަދި މީގެ ސަބަބުން އަހަރަކު 2 ބިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރުގެ ފަތުރުވެރިކަމުގެ އާމްދަނީ ޤައުމަށް އިތުރުވެ، ދިވެހިރާއްޖޭގެ ބޭންކިންގ ނިޒާމުގައި ޑޮލަރު ދައުރުވާ މިންވަރު ވަރަށް ބޮޑަށް މަތިވެގެންދާނެއެވެ. މި ސަރަހައްދުގައި ހެދޭ ބައިނަލްއަޤްވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތައް އަދި ޔޮޓް މެރީނާގެ ސަބަބުން ރާއްޖެއަކީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ މަންޒިލެއްގެ ގޮތުގައި އިތުރަށް ހަރުދަނާވެގެންދާނެއެވެ.
އުމްރާނީ އަދި ބިނާވެށީގެ އިންގިލާބީ ބަދަލު
ރާއްޖޭގެ ތާރީޚުގައިވެސް ހިންގާ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫޢާއެކު ރަސްމާލެ ވެގެންދާނީ ރާއްޖޭގެ ފުރަތަމަ "އީކޯ ސިޓީ" އަށެވެ.
ތިމާވެއްޓާ ރައްޓެހި، ޒީރޯ-ކާބަން ސޭފް އައިލެންޑް ކޮންސެޕްޓަށް ތަރައްޤީކުރާ މި ރަށަކީ ޒަމާނީ އުމްރާނީ ބިނާވެށީގެ ލާމަސީލު މިސާލެކެވެ. ފުޅާ މަގުތަކާއި، ހިތްގައިމު ވޯޓަރފްރަންޓް ޕްރޮމެނާޑްތަކާއި، ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމީ އަދި ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތައް މި ސިޓީގައި ގާއިމުކުރެވޭނެއެވެ. މީގެ ސަބަބުން މާލެ ސަރަހައްދުގެ ތޮއްޖެހުން ކުޑަވެ، ރައްޔިތުން ދިރިއުޅުމުގެ ފެންވަރު އާދަޔާޚިލާފަށް މަތިވެ، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ބިނާވެށި ތަރައްޤީވެގެންދާނެއެވެ.
Ads by MACL
