ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޗައިނާގެ ކުންފުންޏާއެކު 15 މެގަވޮޓުގެ ސޯލާ އަދި ބެޓެރީ ސްޓޯރޭޖް މަޝްރޫޢެއްގައި ސޮއިކޮށްފި

އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން ---- ފޮޓޯ: މިނިސްޓްރީ
އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން ---- ފޮޓޯ: މިނިސްޓްރީ

ރާއްޖޭގައި އިރުގެ އަލިން ކަރަންޓު އުފައްދައި އެ ހަކަތަ ރައްކާކުރެވޭނެ ނިޒާމުތައް އިތުރަށް ފުޅާކުރުމުގެ މަގުސަދުގައި، 15 މެގަވޮޓުގެ ސޯލާ ޕީވީ ސިސްޓަމަކާއި 15 މެގަވޮޓް-އަވަރގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ނިޒާމެއް ގާއިމުކުރުމަށް ދިވެހި ސަރުކާރުން ޗައިނާގެ ކުންފުންޏަކާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން މި އެއްބަސްވުން ގާއިމުކޮށްފައިވަނީ ޗައިނާގެ ޒެޖިއަންގް ޗިންގްޓިއަން ސޯލާ އެނާޖީ ޓެކްނޮލޮޖީ ކޯ ލިމިޓެޑާއެކުގައެވެ. މި ފަހުމުނާމާގައި ދިވެހި ސަރުކާރުގެ ފަރާތުން އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޙުސައިން އަގީލް ނަސީރު ސޮއިކުރެއްވިިއިރު، ޗައިނާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެކްޓިންގ ވައިސް ޕްރެޒިޑެންޓް ޑޮންގްޓިންގ ހޭ އެވެ.

މި މަޝްރޫޢުގެ ދަށުން ގާއިމުކުރެވޭ ނިޒާމުތަކުގެ ސަބަބުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކަރަންޓު ފޯރުކޮށްދިނުމުގެ ވިއުގަ އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކުން އުފައްދާ ކަރަންޓު ރައްކާކުރެވޭ މިންވަރު އިތުރުވުމުން، ތެލަށް ކުރާ ހަރަދާއި ބަރޯސާވާ މިންވަރު ކުޑަކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.

މިއީ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ގައުމީ ކަރަންޓު އުފެއްދުމުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ކަރަންޓު އުފެއްދުމަށް ކުރެވޭ މަސައްކަތްތަކަށް މި މަޝްރޫޢުގެ ސަބަބުން އިތުރު ހަލުވިކަމެއް ލިބިގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރެއެވެ.