ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބުރުނާއީއަށް ރާއްޖޭން ކަނޑައެޅި ސަފީރު ޑރ. ޝަބީނާ، އެޤައުމުގެ ރަސްގެފާނަށް ފަތްކޮޅު އަރުވައިފި

މި ރަސްމިއްޔާތު އޮތީ ބުރުނާއީގެ ރިޔާސީ ގަނޑުވަރު، އިސްތާނާ ނޫރުލް އީމާންގައި ---
މި ރަސްމިއްޔާތު އޮތީ ބުރުނާއީގެ ރިޔާސީ ގަނޑުވަރު، އިސްތާނާ ނޫރުލް އީމާންގައި ---

ދިވެހިރާއްޖެއިން ބުރުނާއީ ދާރުއްސަލާމަށް ކަނޑައެޅުއްވި ނޮން-ރެޒިޑެންޓް ސަފީރު ޑރ. މަރިޔަމް ޝަބީނާ އަހުމަދު، އެޤައުމުގެ ރަސްގެފާނު ސުލްޠާން ޙާޖީ ޙަސަނަލް ބޮލްކިއާ މުޢިއްޒައްދީން ވައްދައުލާއަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފިއެވެ.

މި ރަސްމިއްޔާތު އޮތީ ބުރުނާއީގެ ރިޔާސީ ގަނޑުވަރު، އިސްތާނާ ނޫރުލް އީމާންގައެވެ.

ފަތްކޮޅު އަރުއްވައި ނިންމެވުމަށްފަހު ބޭއްވެވި އިޙްތިރާމްގެ ޒިޔާރަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ބުރުނާއީގެ ރަސްގެފާނަށާއި އެޤައުމުގެ ރައްޔިތުންނަށް ހެޔޮއެދުންތަކާއި ތަހުނިޔާ ސަފީރު ވަނީ އަރިސްކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ބުރުނާއީގެ ރަސްގެފާނު ވަނީ ސަފީރު ޑރ. ޝަބީނާއަށް މަރުޙަބާ ވިދާޅުވެ، ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅުތަކުގައި ބުރުނާއީ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ސަފީރު ޑރ. ޝަބީނާގެ ވާހަކަފުޅުގައި، ރާއްޖެއާއި ބުރުނާއީއާ ދެމެދު އޮތް ޒަމާންވީ އަޚުވަންތަ ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ހަރުދަނާކުރެއްވުމަށް އިޚްލާޞްތެރިކަމާއެކު މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި ސަފީރުގެ އަރިހުގައި މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ސެކަންޑް ސެކްރެޓަރީ ފާތިމަތު ޝަބާ ބައިވެރިވެވަޑައިގެންނެވިއެވެ.

ޑރ. މަރިޔަމް ޝަބީނާ އަހުމަދަކީ މިހާރު ދިވެހިރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ އިތުރުން، ފިލިޕީންސްއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު ވެސް މެއެވެ.