އަމީނީ މަގު ސެގްމަންޓް 3 ގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް މާދަމާ ފަށަނީ
މާލޭގެ އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢުގެ ތެރެއިން، އެ މަގުގެ ތިންވަނަ ސެގްމަންޓުގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް މާދަމާ ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ތައްޔާރުވެއްޖެއެވެ.
އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި، ތާރުއެޅުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އެމް.ސީ-30 ޕްރައިމް ކޯޓު އެޅުމުގެ މަރުޙަލާ މިހާރު ވަނީ ކާމިޔާބުކަމާއެކު ނިންމާލެވިފައެވެ. ޕްރައިމް ކޯޓަކީ ތާރުގެ ފަށަލަ ބިމުގައި ރަނގަޅަށް ހަރުލެއްވުމަށްޓަކައި އަޅާ ޚާއްޞަ ކެމިކަލް ކޯޓިންއެކެވެ. މާދަމާ ތާރުއަޅައި ނިމުމާއެކު، މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް ވެސް ވަގުތުން ފެށިގެންދާނެއެވެ.
މި ހިނގާ އޮކްޓޫބަރު މަހުގެ 4 ވަނަ ދުވަހު ޢަމަލީ މަސައްކަތް ފެށި މި ސެގްމަންޓަކީ ޢިއްޒުއްދީން މަގާ ގުޅޭ ހިސާބުން ފެށިގެން ކޯރުކެނޑި ހިނގުމާ ހަމައަށް އޮންނަ ސަރަޙައްދެވެ. މި މަޝްރޫޢުގެ ތެރެއިން 1924.77 އަކަމީޓަރުގެ ބޮޑު ސަރަޙައްދެއްގައި ކުރިން އަޅާފައި އޮތް ހަލާކުވެފައިވާ ތާރު ނަގައި، އޭބީސީ ފަށަލަ އަޅައި، އަލުން ތާރުއެޅުމާއި މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
Ads by BMLމި މަސައްކަތް ކުރިއަށްދާތީ ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އެ ސަރަޙައްދުގެ ޓްރެފިކަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައެވެ. އެގޮތުން އޮކްޓޫބަރު 19 ވަނަ ދުވަހުގެ ރޭ މެންދަމު 00:00 އިން ފެށިގެން، ސުނާމީ ބިނާއިން ފެށިގެން ސޯޝަލް ސެންޓަރާ ހަމައަށް އޮންނަ ސަރަޙައްދު އާންމު ދަތުރުފަތުރަށް ބަންދުވާނެއެވެ. އެހެންކަމުން އެ ވަގުތުގެ ކުރިން އެ ސަރަޙައްދުގައި ޕާކުކޮށްފައިވާ އެންމެހައި އެއްގަމު އުޅަނދުތައް ނެންގެވުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.
އަމީނީ މަގުގައި އަލުން މަރާމާތުކުރަން ޖެހުނު ބައިތަކުގެ ތެރެއިން ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮތް ސެގްމަންޓް 1 އާއި އަޑު ކުރިމަތީ ހަތަރު އަނގޮޅި ހިމެނޭ ސެގްމަންޓް 2 ގެ މަސައްކަތް ނިންމައި މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ. އަދި ތިންވަނަ ސެގްމަންޓް ނިމުމުން، ކޯރުކެނޑި ހިނގުމުން ފެށިގެން ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލާ ހަމައަށް އޮންނަ ހަތަރުވަނަ ސެގްމަންޓުގެ މަސައްކަތް ފެށުމަށް އެމްޓީސީސީން ވަނީ ރާވާފައެވެ.
Ads by MACL
