އިސްރާއީލުގެ އިންތިޚާބު ކާމިޔާބު ކުރުމުގެ މައިގަނޑު ބާރަކަށް ޢަރަބި ރައްޔިތުންގެ ވޯޓު ވެއްޖެ
ކުރިއަށް އޮތް އިސްރާއީލުގެ ޢާންމު އިންތިޚާބުގައި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ވެރިކަން ބަދަލުކުރުމުގެ މައިގަނޑު ބާރަކަށް ވެގެންދާނީ އެ ޤައުމުގެ ޢަރަބި ދަރިފަސްކޮޅުގެ ރައްޔިތުންގެ ވޯޓު ކަމަށް ބެލެވެން ފަށައިފިއެވެ.
މި ހިނގާ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބަކީ، 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި ޙަމާސް ޖަމާޢަތުން ދިން ހަމަލާތަކަށްފަހު އެ ޤައުމުގައި ބާއްވާ ފުރަތަމަ އިންތިޚާބެވެ. އެހެންކަމުން މިއީ ބޮޑުވަޒީރު ނަތަންޔާހޫގެ ސިޔާސީ މުސްތަޤުބަލު ކަނޑައެޅިގެންދާނެ ނުހަނު މުހިންމު އިންތިޚާބެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ.
އިސްރާއީލުގެ ރައްޔިތުކަން އޮންނަ، އަދި އާބާދީގެ 21 އިންސައްތަ ހިއްސާކުރާ ފަލަސްޠީނު ދަރިފަސްކޮޅުގެ ޢަރަބި މަދު އަޣުލަބިއްޔަތުގެ ވޯޓު ލިބޭ މިންވަރަކުން، ކުރީގެ އަސްކަރީ ވެރިޔާ ގަދީ ޢައިޒަންކޮޓް އިސްވެ ހުންނަވާ އިދިކޮޅު އިއްތިޙާދަށް ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިކަމާ ގުޅޭގޮތުން ޔުނައިޓެޑް އަރަބް ލިސްޓް ޕާޓީގެ ލީޑަރު މަންޞޫރު ޢައްބާސް ވިދާޅުވީ، ހައްދުފަހަނައެޅި ކަނާތުފިޔައިގެ ވެރިކަން ނިންމުމަށާއި، މިހާރު ކުރިއަށްދާ ހަނގުރާމަތަކާއި ހުޅަނގު އައްސޭރީގައި ޔަހޫދީ ވަޒަންވެރިން ހިންގަމުންދާ އަނިޔާވެރި އަމަލުތައް ހުއްޓުވުމަށްޓަކައި ޢަރަބި ރައްޔިތުންގެ ވޯޓު ނުހަނު މުހިންމު ކަމަށެވެ.
Ads by BMLޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި ޢައިޒަންކޮޓްގެ ބްލޮކަށް އެންމެ ގިނަ ގޮނޑި ލިބުނު ކަމުގައި ވިޔަސް، މަޖިލީހުގެ އަޣުލަބިއްޔަތު ހޯދުމަށް ޢަރަބި ޕާޓީތަކުގެ ތާއީދު ބޭނުންވާނެއެވެ. ނަމަވެސް ޢައިޒަންކޮޓް އަދިވެސް ހުންނެވީ ޢަރަބި ޕާޓީތަކާއެކު ރަސްމީ ކޯލީޝަނެއް ހެދުމާ ދެކޮޅަށެވެ.
އިންތިޚާބުގެ ވާދަވެރިކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ނަތަންޔާހޫގެ ލިކުޑް ޕާޓީން ދަނީ އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ޢަރަބިންގެ ނަން ބޭނުންކޮށްގެން ބިރުވެރިކަން އުފެއްދުމަށް ކެމްޕޭން ކުރަމުންނެވެ.
އަދި މި ކެމްޕޭނުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އުފައްދާފައިވާ ޞައްޙަނޫން ވީޑިއޯތައް ވެސް ދައުރުކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.
ދިރާސާތަކުން ލަފާކުރާ ގޮތުގައި މި އިންތިޚާބުގައި މަންޞޫރު ޢައްބާސްގެ ޕާޓީއަށް 5 ގޮނޑި އަދި ޖޮއިންޓް ލިސްޓަށް 8 ގޮނޑި ލިބޭނެއެވެ.
އިންތިޚާބާ ދިމާކޮށް އިސްރާއީލުގެ މާލީ ވަޒީރު ބެޒަލެލް ސްމޮޓްރިޗް ވަނީ އުތުރާއި ދެކުނުގައިވާ ޢަރަބި ސަރަޙައްދުތަށް "ޔަހޫދީކުރުމުގެ" ނުރައްކާތެރި މަޝްރޫޢުތަކެއް އިއުލާނުކޮށްފައެވެ. މިފަދަ ނޭދެވޭ ސިޔާސަތުތަކާއި، ޢަރަބި މުޖުތަމަޢުގައި ކުށްކުރުން އިތުރުވަމުންދާތީ ރައްޔިތުންގެ މެދުގައި ބޮޑު ނުތަނަވަސްކަމެއް އުފެދިފައިވީ ނަމަވެސް، މިއަހަރުގެ އިންތިހާބުގައި ވޯޓުލާން ނުކުންނަ ޢަރަބިންގެ ނިސްބަތް ފާއިތުވި އަހަރުތަކަށްވުރެ އިތުރުވާނެ ކަމަށް ތަހުލީލުކުރާ ފަރާތްތަކުން ލަފާކުރެއެވެ.
Ads by MACL
