ކާބަން ކްރެޑިޓް ވިއްކުމުގެ ފުރަތަމަ ޑްރާފްޓް އެކުލަވާލައި ނިމިއްޖެ، މިއަހަރު ގެޒެޓް ކުރެވެނީ: ވަޒީރު ޢަލީ ޝަރީފް
ދިވެހިރާއްޖެއިން ބައިނަލްއަގުވާމީ މާރުކޭޓުގައި ކާބަން ކްރެޑިޓް ވިއްކުމާ ގުޅޭގޮތުން އެކުލަވާލަންޖެހޭ އުސޫލުތަކާއި ގަވާއިދުތަކުގެ ފުރަތަމަ ޑްރާފްޓް މިހާރު އެކުލަވާލައި ނިމިފައިވާ ކަމަށާއި، މިއަހަރު ނިމުމުގެ ކުރިން އެ ގަވާއިދު ރަސްމީކޮށް ގެޒެޓް ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވެއްޖެއެވެ.
ކާބަން މާކެޓް އިތުރަށް ފުޅާކުރުމުގެ ގޮތުން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ތަފްސީލުތައް ހާމަކުރައްވަމުން ވަޒީރު މިހެން ވިދާޅުވީ، ޕަބްލިކް ސާވިސް މީޑިއާގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުންނެވެ. ވަޒީރު ޢަލީ ޝަރީފް ވިދާޅުވީ، ދިވެހިރާއްޖެއިން ތިމާވެށި ހިމާޔަތްކުރުމަށާއި، އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކާބަން ކްރެޑިޓް ވިއްކުމަކީ އިގްތިސާދީ ގޮތުންނާއި ތިމާވެށީގެ ގޮތުން ރާއްޖެއަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.
މި ނިޒާމު ހަރުދަނާ ގޮތެއްގައި ގާއިމުކުރުމަށްޓަކައި ބޭނުންވާ ގާނޫނީ އަދި އިދާރީ އޮނިގަނޑުގެ ފުރަތަމަ ދެލިކޮޕީ ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށް މި ޑްރާފްޓް އިތުރަށް ފުރިހަމަކުރުމުގެ މަސައްކަތް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މި ގަވާއިދު ގެޒެޓް ކުރެވުމާއެކު، ދިވެހިރާއްޖެއަށް ބައިނަލްއަގުވާމީ ކާބަން މާރުކޭޓުގައި ރަސްމީކޮށް ބައިވެރިވުމުގެ ފުރުސަތު ހުޅުވި، ރާއްޖޭގެ ތިމާވެށީގެ މަޝްރޫއުތަކަށް ބޭނުންވާ ފައިނޭންސް ހޯދުމަށް އާ މަގުތަކެއް ތަނަވަސްވެގެންދާނެއެވެ.
Ads by BML
Ads by MACL
