އަލިފާނުގެ ދުމުގެ ސަބަބުން އިންޑޮނޭޝިއާގައި 283،000 އަށް ވުރެ ގިނަ މީހުން ބަލިވެއްޖެ
އިންޑޮނޭޝިއާގެ ޖަންގަލިތަކާއި ބިންތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ދުމުގެ އަސަރުކޮށް، އެ ގައުމުގައި ކުއްލިއަކަށް ނޭވާލާ ނިޒާމަށް ޖެހޭ ބަލިތައް ތަހައްމަލުކުރަމުންދާ މީހުންގެ އަދަދު 283،270 އަށް އަރައިފިއެވެ.
އިންޑޮނޭޝިއާގެ ސިއްހަތާ ބެހޭ ވުޒާރާގެ އޮފިޝަލެއް ކަމަށްވާ ތެން ސުޔާންތީ ވިދާޅުވި ގޮތުގައި، މި އަދަދުތައް ރެކޯޑުކުރެވިފައިވަނީ އޮގަސްޓް 18 އިން އޮކްޓޫބަރު 13 ގެ ނިޔަލަށެވެ. އަދި މިއިން ދައްކުވައިދެނީ އަލިފާނުގެ ދުމުގެ ސަބަބުން އާންމުންގެ ސިއްހަތަށް ކުރިމަތިވަމުންދާ ނުރައްކާތެރިކަމާއި ބޮޑުވަމުން އަންނަ ތަކުލީފުތައް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި އަލިފާނުގެ ސަބަބުން އަވަށްޓެރި ގައުމުތަކަށް ވެސް ދުމުގެ އަސަރު ފޯރަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި އަލިފާނުގެ ހާދިސާތަކުގައި ބޯނިއޯ އަދި ސުމަޓްރާ ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ހާލަތު ގޯސްވަމުން ދިއުމާ ގުޅިގެން، މަދަނީ ޖަމިއްޔާތަކުގެ އިއްތިހާދެއް ކަމަށްވާ ސަސްޓެއިނަބިލިޓާސް އިން ވަނީ މިއީ ގައުމީ ކާރިސާއެއްގެ ގޮތުގައި ކަނޑައަޅައި، ރައްޔިތުން ރައްކާތެރިކުރުމަށް ކުއްލި ފިޔަވަޅުތައް ވަރުގަދަކުރުމަށް ސަރުކާރަށް ގޮވާލާފައެވެ.
Ads by BML
Ads by MACL
