ސިޓީތަކުގައި ތަރައްޤީކުރާ ޔޫތު ހަބްތަކުން ޒުވާނުންނަށް ނަފުސާނީ އެހީތެރިކަން ލިބޭނެ އިންތިޒާމް ހަމަޖައްސަނީ
ރާއްޖޭގެ ސިޓީތަކުގައި ތަރައްޤީކުރަމުންދާ ޔޫތު ހަބްތަކުން ޒުވާނުންނަށް ނަފުސާނީ އެހީތެރިކަން ފޯރުކޮށްދޭނެ އިންތިޒާމްތައް ހަމަޖައްސަވަމުންދާ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ބޭއްވި "އަހާ" ފޯރަމްގައި ވާހަކަދައްކަވަމުން ވަޒީރު ރާފިޢު ވިދާޅުވީ، މާލެއެކޭ އެއްގޮތަށް ރާއްޖޭގެ ހުރިހާ ސިޓީއެއްގައިވެސް ޔޫތު ހަބްތައް ޤާއިމުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. މި ހަބްތަކުގެ މައިގަނޑު ބޭނުމަކީ ޒުވާނުންނަށް ބޭނުންތެރި "ތާޑް ސްޕޭސް" އެއް ނުވަތަ އިތުރު މާހައުލެއް ފޯރުކޮށްދިނުން ކަމަށާއި، މި ތަންތަން ފަރުމާކުރެވެނީ ސްޓަޑީ ރޫމްތަކާއި މުނިފޫހިފިލުވުމުގެ ވަސީލަތްތަކާއެކު ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މި ހަބްތައް ހުޅުވުމުން ފަންނިއްޔާތާއި ޒުވާނުން ބާރުވެރިކުރުވުމާ ގުޅޭ ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން، އަތޮޅުތަކުން މީހުން ގެނެސްގެން ތަފާތު ކަންކަމުގައި ސައްލާކުރުމުގެ ފުރުޞަތު ލިބޭނެއެވެ. އަދި އެކި ކުންފުނިތަކާއި މުއައްސަސާތަކަށްވެސް އެ ތަންތަނުގައި ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގެ ފުރުޞަތު ހުޅުވާލެވޭނެއެވެ.
Ads by BMLޒުވާނުންގެ ނަފުސާނީ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި ޚާއްޞަ ހިލޭ ގުޅޭ ހޮޓްލައިން ނަންބަރެއް ކަމަށްވާ "1456" މިހާރު ވަނީ ތަޢާރަފުކޮށްފައެވެ. ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ޤާއިމުކުރި މި ހޮޓްލައިންގެ ބޭނުމަކީ އެއް ފުރާޅެއްގެ ދަށުން ވަކިވަކި ފަރުދުންނަށާއި އާއިލާތަކަށް ބޭނުންވާ ކައުންސެލިންގ، ނަފްސާނީ ކުއްލި އެހީތެރިކަން، ޞިއްޙީ ސްކްރީނިންގ އަދި ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ އިރުޝާދު ދިނުމެވެ.
މީގެ އިތުރުން ނަފްސާނީ ހޭލުންތެރިކަމާއި ދިރިއުޅުމުގެ ހުނަރުތައް އިތުރުކުރުމުގެ ސެޝަންތައްވެސް މި ޚިދުމަތުގެ ދަށުން ފޯރުކޮށްދެއެވެ.
މި ޚިދުމަތަކީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު، އާދީއްތަ ދުވަހުން ފަށައިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 8:00 އިން މެންދުރުފަހު 2:00 އާ ދެމެދު 1456 އަށް ގުޅައިގެން ހިލޭ ލިބޭނެ ޚިދުމަތެކެވެ.
Ads by MACL
