ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރާއްޖެ-ޕާކިސްތާނަށް 60 އަހަރު: ރައީސް ޑރ. މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅާއެކު ތަރައްގީގެ އާ ބާބެއް!

 ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާސް ޝަރީފް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު / ފޮޓޯ: ޕީއެސްއެމް ނިއުސް
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާސް ޝަރީފް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު / ފޮޓޯ: ޕީއެސްއެމް ނިއުސް

ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރަމުންދާއިރު، ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ފާއިތުވި 11 އަހަރުގެ ތެރޭގައި ދިވެހި ދައުލަތުގެ ވެރިޔަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ރައީސް ޑރ. މުއިއްޒު ޕާކިސްތާނަށް ކުރައްވާ މި ހާއްސަ ދަތުރުފުޅަކީ އެ ގައުމުގެ ބޮޑުވަޒީރު ޝެހެބާސް ޝަރީފްގެ ހާއްސަ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ގުޅުން އިތުރަށް ބަދަހިކުރުމުގެ ރަސްމީ މަޝްވަރާތައް ބޭއްވުމުގެ އިތުރުން، އެކި ދާއިރާތަކުން މުހިންމު ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި ރާއްޖޭގެ އިސް ވަަފުދެއް ބައިވެރިވެވަޑައިގަންނަވާއިރު، އިންވެސްޓަރުންނާއި ވިޔަފާރިވެރިން ހިމެނޭހެން 300 އަށްވުރެ ގިނަ ފަރާތްތަކަށް ދައުވަތު ދީގެން ބާއްވާ ހާއްސަ ބިޒްނަސް ފޯރަމެއް ވެސް ޕާކިސްތާނުގައި ކުރިއަށްދާނެއެވެ.

ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވި ގޮތުގައި، ޕާކިސްތާނަކީ އެވޭލާ ޒަމާނުއްސުރެ ރާއްޖޭގެ މުހިންމު އަވައްޓެރިއެކެވެ. އަދި ދެ ގައުމަކީ މުސްލިމް ގައުމުތަކަށް ވުމުން ބައިނަލްއަގުވާމީ މައިދާނުގައި ވެސް ގިނަ ފަހަރަށް ހިޔާލު އެއްގޮތްވާކަން އޭނާ ފާހަގަކުރެއްވިއެވެ. "އަބަދުވެސް ރާއްޖެއަށް ދިމާވާ ކޮންމެ ބޮޑުކަމެއްގައި ޕާކިސްތާނަކީ އެންމެ ކައިރިން، އެންމެ އަވަހަށް، އެންމެ ފުޅާ ދާއިރާއެއްގައި އެހީތެރިކަން ފޯރުކޮށްދެމުން އައި އެއްބައެއް،" މުންދު ވިދާޅުވިއެވެ.

ދެ ގައުމުގެ ތާރީހީ ގުޅުމަށް ބަލާއިރު، 1966 ވަނަ އަހަރު ހާރިޖީ ގުޅުން ގާއިމުކުރެވުނުއިރު، ޕާކިސްތާނަކީ ރާއްޖެއިން އެންމެ ފުރަތަމަ ގުޅުން ގާއިމުކުރި 10 ގައުމުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. ދެ ގައުމުގެ އެކުވެރިކަމުގެ ރަމްޒުތަކުގެ ތެރޭގައި ޕާކިސްތާނުގެ އެހީގައި ފުރަތަމަ ބިނާކުރި ރާއްޖޭގެ ރައްޔިތުންގެ މަޖިލީސްކުރާ ގެއާއި، ރާއްޖޭގެ ފުރަތަމަ މެޑިކަލް ކޮލެޖް ހިމެނެއެވެ.

މީގެ އިތުރުން 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި ރިސޯޓުތަކާއި ރަށްރަށުގައި ތާށިވި 300 އަށްވުރެ ގިނަ ފަތުރުވެރިން ސަލާމަތްކުރުމުގައި ޕާކިސްތާނު ނޭވީން ވަނީ މުހިންމު އެހީތެރިކަމެއް ފޯރުކޮށްދީފައެވެ.

ރާއްޖެއާއި ޕާކިސްތާނަކީ އދ. ގެ އިތުރުން އޯއައިސީ  އަދި ސާކު ގެ ވެސް މެންބަރު ދެ ގައުމެވެ. ރައީސް ޑރ. މުއިއްޒުގެ "އެންމެ ފުރަތަމަ ގައުމު" ސިޔާސަތުގެ ދަށުން، މި ދަތުރުފުޅާއެކު ދެ ގައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން އެއްބާރުލުން ފުޅާވެ، ތަރައްގީގެ އާ ބާބެއް ފެށިގެންދާނެ ކަމަށް ދިވެހި ސަރުކާރުން ގަބޫލުކުރެއެވެ.