އިމާރާތްތަކުގައި ހުޅުޖަހަން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
ދައުލަތުގެ ތިން ބާރު ތަމްސީލުކުރާ އިދާރާތަކުގައި ހުޅުޖަހަން ހިތްވަރުދީ ސޯޝަލް މީޑިއާގައި ޕޯސްޓްކުރި މައްސަލައެއްގައި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ޙަސަނާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޙަސަން ޒިހާންގެ ނަމުގައި ހިންގާ ފޭސްބުކް އެކައުންޓަކުން ހިއްސާކުރި ސްޓޭޓަސްއެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ބަލަންޖެހޭ ކަންކަން މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ފޭސްބުކްގައި އޭނާ ކުރި ޕޯސްޓުގައި ސުވާލު އުފައްދާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ރައްޔިތުންގެ މަޖިލިސް އަދި ސުޕްރީމް ކޯޓުގެ އިމާރާތުގައި އަލިފާން ރޯނުކުރަނީ ކީއްވެގެންތޯއެވެ. އަދި އެ ތަންތަނުގައި އަލިފާން ރޯކޮށްލުމަކީ މަޖާ ކަމަކަށް ވާނެ ކަމަށް ބުނެފައިވީ ނަމަވެސް، އެ ސްޓޭޓަސް ޝާއިއުކުރިތާ ގަޑިއެއްހާއިރު ތެރޭގައި ވަނީ އަމިއްލައަށް ޑިލީޓްކޮށްފައެވެ.
Ads by BMLއެމްއެންޑީއެފްގެ ކުރީގެ ފަސްޓް ލެފްޓިނަންޓެއް ކަމަށްވާ ޒިހާނަކީ އެމެރިކާގެ ނޭވަލް އެކެޑެމީން މަތީ ތައުލީމު ހާސިލުކުރައްވައިގެން ހުންނެވި ނޭވަލް އާކިޓެކްޓެކެވެ. އޭނާ ސިފައިންގެ ޚިދުމަތުން ވަކިކޮށްފައިވަނީ ނިމިދިޔަ ސަރުކާރުގެ ފަހުކޮޅުގައި ކަމަށްވާއިރު، އެ ނިންމުން ނިންމީ އޭރުގެ ސަރުކާރަށް ފާޑުކިޔުމުން ކަމަށް އޭނާގެ ގާތް މީހުން އޭރު ބުނެފައިވެއެވެ.
މި ސަރުކާރު އައުމަށްފަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމު އޭނާއަށް ދެއްވާފައެވެ. ނަމަވެސް ފަހުން އެ މަގާމުން ވަކިކުރުމާ ގުޅިގެން، އޭނާ ގެންދަވަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި މިހާރުގެ ސަރުކާރަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
Ads by MACL
