ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރަސްމާލެ މަޝްރޫއުން ދޫކުރާ ޕްރޮޕަޓީތަކުގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ ސަރުކާރަށް: ރައީސް ޑރ. މުޢިއްޒު

ރަސްމާލެ މަޝްރޫޢުގެ / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް / ރައީސް އޮފީސް މީޑިއާ
ރަސްމާލެ މަޝްރޫޢުގެ / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް / ރައީސް އޮފީސް މީޑިއާ

އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ހިންގާ ބިޔަ މަޝްރޫޢުގެ ދަށުން ދޫކުރާ ހުރިހާ ޕްރޮޕަޓީތަކެއްގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ ދިވެހި ސަރުކާރުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ރައްޔިތުންނާ ޙިއްސާކުރެއްވުމަށް ކުރިއަށްގެންދަވާ "ދަ ޕަލްސް" ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރަސްމާލޭގައި ތަރައްގީކުރާ ޕްރޮޕަޓީތައް ބޭރުގެ ފަރާތްތަކަށް 99 އަހަރަށް ދެނީ ދާއިމީކޮށް މިލްކުވާ ގޮތަށް ނޫން ކަމަށެވެ. އެގޮތުން، އެ ޕްރޮޕަޓީތައް ގަންނަ ފަރާތްތަކަށް އެހެން އެއްވެސް ތިންވަނަ ފަރާތަކަށް އެތަން ނުވިއްކޭނެ ކަމަށާއި، މުއްދަތު ހަމަވުމުންވެސް އެތަން އަނބުރާ ވިއްކަން ޖެހޭނީ ހަމައެކަނި ދިވެހި ސަރުކާރަށް ކަމަށް އެމަނިކުފާނު ސާފުކޮށްދެއްވިއެވެ.

"މި އިންވެސްޓްމަންޓުގެ ތެރެއިން ޑިވެލޮޕް ކުރެވޭ ޕްރޮޕަޓީސްތައް ގަންނަ ފަރާތަކުން 99 އަހަރުގެ މުއްދަތަކަށް ގަނެވެނީ. އެފަރާތުން ދެން އެތަން ޖެހޭނީ ދައުލަތަށް ވިއްކަން. ސަރުކާރުން ދެން އެހެން ފަރާތަކަށް ވިއްކަންޏާ ވިއްކާނީ. ފުލް ކޮންޓްރޯލް މިއޮންނަނީ ދިވެހި ސަރުކާރަށް. އޮޓޯއިން އެއްބަސްވުން ރިނިއުވެ، އަނެއްކާ އިތުރު 99 އަހަރު ލިބި، އެކަހަލަ ކަމެއް ނޫން މިއީކީއެއް،" ރައީސް ވިދާޅުވިއެވެ.

ހުޅުމާލެ ތަރައްގީކުރިއިރު ރޭވުންތެރިކަން ކުޑަވުމުގެ ސަބަބުން، މީހުން ދިރިއުޅެން ފެށުމުގެ ކުރިން ބޮޑެތި އިންވެސްޓްމަންޓްތައް އައިސްފައި ނުވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ރަސްމާލެ މަޝްރޫޢު ކުރިއަށްގެންދަވަނީ އެ އުޞޫލުން ނޫން ކަމަށެވެ. ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ދޫކުރާ ގޯއްޗާއި ފްލެޓުތަކަށް މީހުން ބަދަލުވުމުގެ ކުރިން، ދިރިއުޅުމަށް ބޭނުންވާނެ ހުރިހާ ވަސީލަތްތަކާއި ބޮޑެތި އިންވެސްޓްމަންޓްތައް އެރަށަށް ގެނައުން ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، މި މަޝްރޫޢާ ގުޅިގެން ސިޔާސީ ބޭނުމެއްގައި ބައެއް ފަރާތްތަކުން ޙަޤީޤަތް އޮޅުވާލައިގެން ވާހަކަ ފަތުރަމުންދާ ކަމަށާއި، ނަމަވެސް ރަސްމާލޭގެ އެއްވެސް އެއްބަސްވުމެއް ރާއްޖޭގެ ޤާނޫނާއި ގަވާއިދުތަކާ ޚިލާފަށް ނުހަދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ދެއްވިއެވެ. އަދި މި މަޝްރޫޢުގެ ދަށުން ހިންގޭ ކޮންމެ ވިޔަފާރީގެ މުއާމަލާތަކުން ދައުލަތަށް ބޮޑު އާމްދަނީއެއް ލިބި، ސީދާ ފައިދާ ކުރާނީ ދިވެހި ސަރުކާރަށް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވިދާޅުވިއެވެ.