ރަސްމާލޭގެ އެއްވެސް ތަނެއް އިސްރާއީލް މީހަކަށް ނުގަނެވޭނެ: ރައީސް ޑރ. މުއިއްޒު
ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހިންގުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫއު ނިމުމުން، އެ ސަރަހައްދުން އެއްވެސް ތަނެއް އިސްރާއީލްގެ ރައްޔިތުންނަށް ނުގަނެވޭނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފިއެވެ.
ރަސްމާލޭގައި ވޯޓާ ފްރަންޓަކާއި މެރީނާއެއް އެޅުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ މި މަޝްރޫއާ ގުޅިގެން، އިދިކޮޅު ފަރާތްތަކުން ދަނީ ރަސްމާލޭގައި އިސްރާއީލް ނުވަތަ ޔަހޫދީން ވަޒަންވެރި ކުރުވަފާނެތީއާއި، އެ ތަނުގައި ތަރައްގީކުރާ ޕްރޮޕަޓީތައް އިސްރާއީލް މީހުންނަށް ވިއްކަފާނެތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ނަމަވެސް، ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕްރޮގްރާމްގެ އެޕިސޯޑެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވަނީ ރަސްމާލޭގައި ޔަހޫދީންގެ އާބާދީއެއް ގާއިމުކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް މުޅިން ދޮގުކުރައްވާފައެވެ.
Ads by BMLމީގެ އިތުރުން ރައީސް ވިދާޅުވީ، ރަސްމާލޭގައި ތަންފީޒު ކުރެވޭނީ އިސްލާމްދީނުގެ ހަމަތަކާއި އުސޫލުތައް ކަމަށާއި، އެ ތަނުގައި ހިނގާނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ ކަމަށެވެ. އަދި އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި ދިވެހި ފުލުހުން ތިބޭނެ ފުލުހުންގެ މަރުކަޒެއް ވެސް ގާއިމުކުރެވޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މި މަޝްރޫއަކީ ރަސްމާލެ ތަރައްގީކުރުމަށް ސަރުކާރުން ބޭރުގެ ބޮޑެތި ކުންފުނިތަކާ ގުޅިގެން ކުރިއަށްގެންދަން ރާވާފައިވާ މުހިންމު އިގްތިސާދީ މަޝްރޫއެކެވެ.
Ads by MACL
