ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވާ ބައި-އިލެކްޝަން އަންނަ މަހުގެ 28 ގައި ބާއްވަނީ
ވ. ތިނަދޫ ކައުންސިލްގެ ރައީސްގެ މަޤާމު ހުސްވުމާ ގުޅިގެން އެ މަޤާމަށް މީހަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން އަންނަ ނޮވެންބަރު މަހުގެ 28 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ޢާންމުކުރި އިޢުލާނުގައިވާ ގޮތުން، މި އިންތިޚާބުގެ ވޯޓު ނެގުން އޮންނާނީ އެ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 16:00 އަށެވެ. ވޯޓު ނެގުން ނިންމައި ފޮށިތައް ބަންދުކުރުމަށްފަހު، ބައިގަޑިއިރުގެ ހުސްވަގުތުކޮޅަކަށްފަހު ވޯޓު ގުނަން ފަށާނެއެވެ. އަދި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 30 ވާ ހޯމަ ދުވަހުއެވެ.
މި ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުޞަތު އޮކްޓޫބަރު 26 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. އެޕްލިކޭޝަން ފޯމުތައް އޮންލައިންކޮށް ހުށަހެޅޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރުފަހު 14:00 އަށެވެ. އަދި ހުކުރު ދުވަހު ފޯމު ބަލައިގަންނާނީ މެންދުރުފަހު 15:30 އިން ހަވީރު 18:00 އަށެވެ.
Ads by BMLއިންތިޚާބަށް ކުރިމަތިލުމުގެ ހުރިހާ މަރުޙަލާއެއް ކުރިއަށްދާނީ އިލެކްޝަންސް ކޮމިޝަނުގެ މައި ޕޯޓަލް މެދުވެރިކޮށެވެ. އޭގެ ތެރޭގައި އެޕްލިކޭޝަނާއި ލިޔެކިޔުންތައް ހުށަހެޅުމާއި، އިދާރީ ފީގެ ގޮތުގައި ދައްކަންޖެހޭ 1,500 ރުފިޔާ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ދެއްކުން ހިމެނެއެވެ. ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކުރާނަމަ "ސިމެދަ" ޕޯޓަލް މެދުވެރިކޮށް ޤަރާރު އެޕްރޫވް ކުރަންޖެހޭއިރު، އަމިއްލަ ގޮތުން ވާދަކުރާ މީހުން އެ ދާއިރާއިން ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ 50 މީހުންގެ ތާއީދު ހޯދަންޖެހެނީވެސް މައި ޕޯޓަލް މެދުވެރިކޮށެވެ.
ކެންޑިޑޭޓުންގެ ޝަރުޠުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކު ކަމުގައިވުމާއި، ބޭރު ޤައުމެއްގެ ރައްޔިތަކު ދިވެހި ރައްޔިތަކަށް ވެފައިވާނަމަ ފަސް އަހަރު ފާއިތުވެފައިވުމާއި، ސުންނަތް ޖަމާޢަތުގެ މުސްލިމަކު ކަމުގައިވުމުގެ އިތުރުން 18 އަހަރު ފުރިފައިވުން ހިމެނެއެވެ. އަދި އަދާކުރަންޖެހޭ ސާބިތު ދަރަނި ޙުކުމާ އެއްގޮތަށް އަދާކުރަމުންދާ މީހަކު ކަމުގައިވުމާއި، ތަންފީޛުކުރަމުންދާ ޖިނާއީ ޙުކުމެއް ނެތުމުގެ އިތުރުން ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ ފަދަ ބޮޑެތި ކުށްތައް ސާބިތުވެފައި ނުވުން ހިމެނެއެވެ.
ކެންޑިޑޭޓުންގެ ކުށާއި ދަރަނީގެ ރެކޯޑު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް މެދުވެރިކޮށް ސާފުކުރަންޖެހެއެވެ.
Ads by MACL
