ރަސްމާލެ ތަރައްޤީކުރި ނަމަވެސް ހިންގާނީ ދިވެހިރާއްޖޭގެ ޤާނޫނު: ރައީސް މުޢިއްޒު
ރަސްމާލޭގައި އީގަލް ހިލްސް ކުންފުނިން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން އެއްވެސް ބަޔަކު ވަޒަންވެރިވި ނަމަވެސް އެ ސަރަޙައްދުގައި ހިނގާނީ ދިވެހިރާއްޖޭގެ ޤާނޫނު ކަމަށާއި، އިސްލާމްދީން ފިޔަވައި އެހެން އެއްވެސް ދީނަކަށް އެތަނުން ފުރުޞަތެއް ނުލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
"ދަ ޕަލްސް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މާލެ ސަރަޙައްދު ކައިރީގައި ބޭރުގެ އާބާދީއެއް އުފެދި އެހެން ދީންތަކަށް ފުރުޞަތު ލިބިގެންދާނެ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ އެއްވެސް ޙަޤީޤަތެއް ނެތް ސިޔާސީ ވާހަކަތަކެއް ކަމަށެވެ. އަދި މިހާރުވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ގިނަ ޢަދަދެއްގެ ބިދޭސީންނާއި ފަތުރުވެރިން އުޅެމުންދާއިރު، އެ ފަރާތްތަކަށްވެސް އެހެން ދީންތަކުގެ ކަންކަން ފާޅުކަން ބޮޑުކޮށް ހިންގުމުގެ ޖާގަ ނޯންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ރިސޯޓުތަކާއި މާލެ ސަރަޙައްދުގެ މިސާލު ނަންގަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރިސޯޓުތަކުގައި ފަތުރުވެރިން ތިބި ނަމަވެސް އެތަންތަނުގައި އެހެން ދީންތަކުގެ އަޅުކަންކުރާ އިމާރާތްތައް ނުހުންނަ ކަމަށާއި، ބިނާކޮށްފައި ހުންނަނީ މިސްކިތްތައް ކަމަށެވެ. މާލެ ސަރަޙައްދުގައި އެކަނިވެސް ލައްކައަކަށްވުރެ ގިނަ ބިދޭސީން އުޅެމުންދާއިރު، ރަސްމާލޭގައިވެސް ހަމައެކަނި ބިނާކުރެވޭނީ މިސްކިތްތައް ކަމަށް އެމަނިކުފާނު ސާފުކޮށްދެއްވިއެވެ.
Ads by BMLއެތަނުގައި ބޭރުގެ ބަޔަކު ދާއިމީކޮށް ވަޒަންވެރިވެ ދީނީ ކަންކަން ހިންގާނެ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވަމުން ރައީސް ވިދާޅުވީ، ރަސްމާލެއިން ތަންތަން ގަންނަ ފަރާތްތަކާއި ޒިޔާރަތްކުރާ ފަތުރުވެރިން އައިސްފައި ދިޔަ ނަމަވެސް، އެފަރާތްތަކުގެ ދީނީ އެއްވެސް ކަމަކަށް ފުރުޞަތު ނޯންނާނެ ކަމަށެވެ. އަދި އެތަނުގައި ބޭރުގެ ސްކޫލެއްވެސް ނުހުންނާނެ ކަމަށާއި، ޤާއިމުކުރެވޭނީ ދިވެހި ފުލުހުންގެ މަރުކަޒެއް ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، މި މަޝްރޫޢުގެ ދަށުން އެއްވެސް ބޭރު މީހަކަށް ދިވެހި ރައްޔިތުކަން ނުދެވޭނެ ކަމުގެ ޔަޤީންކަން ދެއްވަމުން، މި ކަންކަން ތަންފީޒުކުރުމަށްޓަކައި ވަރުގަދަ ޤާނޫނީ އޮނިގަނޑެއް އެކުލަވައިލައްވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
Ads by MACL
