ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކަނޑުގެ ވަސީލަތްތަކުން ނަފާ އިތުރުކުރުމަށް 13 ޒޯނަކާއެކު މޫދުވިނަ އާލާކުރުމުގެ ސިނާއަތް ފުޅާކުރަނީ

ކަނޑުގެ ވަސީލަތްތަކުން ނަފާ އިތުރުކުރުމަށް 13 ޒޯނަކާއެކު މޫދުވިނަ އާލާކުރުމުގެ ސިނާއަތް ފުޅާކުރަނީ

ދިވެހިރާއްޖޭގެ ކަނޑުގެ ވަސީލަތްތަކުން ލިބޭ އިޤްތިޞާދީ ނަފާ އިތުރުކޮށް، މެރިކަލްޗާ ވަކި ސިނާއަތެއްގެ ގޮތުގައި ތަރައްޤީކުރުމަށްޓަކައި 3،849 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހާއްސަކޮށް، ހަ އަތޮޅަކުން 13 ޒޯނެއްގައި ވިޔަފާރި އުސޫލުން މޫދުވިނަ ހެއްދުމުގެ މަސައްކަތް އިތުރަށް ފުޅާކުރަން ފަށައިފިއެވެ.

މި އިސްނެގުމުގެ މައިގަނޑު މަޤްޞަދަކީ ރަށްރަށުގެ ރައްޔިތުންނަށް އާމްދަނީ ހޯދުމުގެ އައު ފުރުޞަތުތައް ފަހިކޮށްދިނުމާއެކު، އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް އިތުރުކޮށް، ރާއްޖެއިން ބޭރަށް މުދާ އެކްސްޕޯޓްކުރާ މިންވަރު މަތިކުރުމެވެ.

ރާއްޖޭގައި މޫދުވިނަ އާލާކުރުމުގެ ސިނާއަތް މިހާރުވެސް ދަނީ ހަލުވިކަމާއެކު ކުރިއަރަމުންނެވެ. އެގޮތުން އަމިއްލަ ކުންފުންޏަކުން 2025 ވަނަ އަހަރު މި މަސައްކަތް ރަސްމީކޮށް ފަށައި، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ސިނާއީ ފެންވަރެއްގައި މޫދުވިނަ ބޭރަށް އެކްސްޕޯޓް ކުރަން ފެށުމާއެކު، ބައިނަލްއަޤްވާމީ ވިޔަފާރީގެ ބާޒާރުގައި ދިވެހި މޫދުވިނައަށް ވަނީ މަގު ހުޅުވިގެން ގޮސްފައެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން ހާމަކުރައްވާފައިވާ ގޮތުގައި، މިހާތަނަށް ފަސް ފަރާތަކަށް މޫދުވިނަ ހެއްދުމުގެ ހުއްދަ ދީފައިވާއިރު، އޭގެ ތެރެއިން ދެ ރަށެއްގައި މިހާރުވެސް ދަނީ އަމަލީ ގޮތުން ޕްރޮޖެކްޓްތައް ހިންގަމުންނެވެ. މި މަސައްކަތް ކުރުމަށް މިހާތަނަށް ހުއްދަ ދީފައިވާ ރަށްތަކުގެ ތެރޭގައި ބ. ގޮއިދޫ، ގއ. ކޮނޑޭ، ގއ. ކޮލަމާފުށި އަދި މ. ކޮޅުފުށި ހިމެނެއެވެ. މީގެއިތުރުން ގއ. ގެމަނަފުށި، މ. ވޭވަށް އަދި ލ.ހިތަދޫގައި މިފަދަ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށްޓަކައި ހުއްދަ ދިނުމުގެ އެންމެ ފަހުގެ މަރުހަލާތައް މިނިސްޓްރީން އަންނނީ ނިންމަމުންނެވެ.

މި ދާއިރާ ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެރިކަލްޗާ ވަކި ސިނާއަތެއްގެ ގޮތުގައި ކުރިއެރުވުމަށް ގެންގުޅުއްވާ ޚާއްޞަ ސިޔާސަތުގެ ދަށުން ކުރިއަށްދާ ކަމެކެވެ. މީގެކުރިން "ފްލޯޓިންގ އެކްރެސް" ކުންފުނިން މޫދުވިނަ ހެއްދުމަށް ހުށަހެޅި ޕްރޮޕޯސަލަށް ފުރަތަމަ ހުއްދަ ނުލިބުނު ނަމަވެސް، ފަހުން ހެދި ފީސިބިލިޓީ އެސެސްމަންޓްތަކުން ވަނީ ރާއްޖޭގެ ކަނޑުތަކަކީ މިފަދަ ދަނޑުވެރިކަމަށް ނުހަނު އެކަށީގެންވާ ތަންތަންކަން ސާބިތުވެފައެވެ.

ދުނިޔޭގެ ނިސްބަތުން ބަލާއިރު މޫދުވިނަ ހެއްދުމުގެ ސިނާއަތް އެންމެ ބޮޑަށް ފުޅާވެފައިވަނީ ޗައިނާ، އިންޑޮނޭޝިއާ، ސައުތު ކޮރެއާ އަދި ފިލިޕީންސް ފަދަ އޭޝިއާގެ ޤައުމުތަކުގައެވެ. ރާއްޖެއަށް މި ސިނާއަތް ފުޅާވެގެން ދިއުމަކީ މަސްވެރިކަމުގެ އިތުރުން އެކްސްޕޯޓުން ލިބޭ އާމްދަނީ މަތިވެ، ދަނޑުވެރިކަމާއި، ޕްރޮސެސިން އަދި ދަތުރުފަތުރުގެ ދާއިރާއިން އައު ވަޒީފާތައް އުފެދި، އިޤްތިޞާދު ސިންދަފާތުކުރުމަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.