ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރަސްމާލެ މަޝްރޫޢަކީ ދިވެހިންގެ ދީނާއި ސިޔާދަތު ކަށަވަރުކުރެވިގެން ޤާނޫނީ އޮނިގަނޑުގެ ތެރެއިން ހިންގާ މަޝްރޫޢެއް: ރައީސް ޑރ. މުޢިއްޒު

 އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ބިޔަ މަޝްރޫއު / ފޮޓޯ: ހައުސިން މިނިސްޓްރީ
އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ބިޔަ މަޝްރޫއު / ފޮޓޯ: ހައުސިން މިނިސްޓްރީ

ރަސްމާލެ ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢަކީ ދިވެހިންގެ ދީނާއި، ސިޔާދަތާއި، މިނިވަންކަން ފުރިހަމައަށް ކަށަވަރުކުރެވިގެން، ދިވެހިރާއްޖޭގެ ޤާނޫނީ އޮނިގަނޑުގެ ތެރެއިން ހިންގޭނެ މަޝްރޫޢެއްކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިވެހި ރައްޔިތުންނަށް ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ "ދަ ޕަލްސް" ސިލްސިލާ ޕޮޑްކާސްޓްގެ 8 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ. މި މަޝްރޫޢާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ދޮގު ވާހަކަތަކަށް ރައްދުދެއްވަމުން ރައީސް ވިދާޅުވީ، މިއީ ދިވެހި އިޤްތިޞާދުގެ މިސްރާބު ބަދަލުކޮށްލާނެ، އަދި ދިވެހިންނަށް އެތައް ފައިދާތަކެއް ލިބިގެންދާނެ މަޝްރޫޢެއް ކަމަށެވެ.

ބޭރު މީހުންނަށް ބިން މިލްކެއް ނުކުރެވޭނެ، އިޒްރޭލު މީހުންނަށް ޕްރޮޕަޓީ ގަތުން މަނާ

މަޝްރޫޢުގެ ދަށުން ބޭރުގެ ފަރާތްތަކަށް ބިން މިލްކުކުރެވޭނެކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވައި ރައީސް ވިދާޅުވީ، ދިވެހިރާއްޖޭގެ ޤާނޫނު އޮތްގޮތުން ބޭރު މީހަކަށް ބިން މިލްކު ނުކުރެވޭނެ ކަމަށާއި، ބިން ދޫކުރެވޭނީ ހަމައެކަނި ކުއްޔަށް ކަމަށެވެ.

އަދި އިޒްރޭލުގެ ރައްޔިތުންނަށް އެތަނުން އެއްވެސް ޕްރޮޕަޓީއެއް ގަތުން ޤާނޫނުން މަނާވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސް ދެއްވިއެވެ. މީގެ އިތުރުން، ރަސްމާލޭގައި އެހެން ދީންތަކުގެ މީހުންނަށް އަޅުކަންކުރާނެ ތަންތަނާއި ސްކޫލްތައް ނުހުންނާނެ ކަމަށާއި، މުޅި ސަރަޙައްދުގައިވެސް ހިނގާނީ ދިވެހި ދައުލަތުގެ ޤާނޫނުތައް ކަމަށް އެމަނިކުފާނު ކަށަވަރުކޮށްދެއްވިއެވެ.

30 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަކާއެކު އެތައް ހާސް ވަޒީފާއެއް

ރަސްމާލެ މަޝްރޫޢުގެ އިޤްތިޞާދީ މަންފާތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަޝްރޫޢާ ގުޅިފައިވާ އެހެނިހެން ކަންކަމާއެކު ޖުމްލަ އިންވެސްޓްމަންޓް 30 ބިލިއަން ޑޮލަރަށް އަރާނެކަމަށް ލަފާކުރެއްވޭ ކަމަށެވެ. މި މަޝްރޫޢުގެ ތެރެއިން 14،000 ވަރަކަށް ދާއިމީ ވަޒީފާ އުފެދޭނެ ކަމަށާއި، ތަރައްޤީގެ މަރުޙަލާގައި 54،000 ވަޒީފާގެ ފުރުޞަތު ހުޅުވިގެންދާނެކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ދައުލަތަށް ލިބޭނެ މަންފާ ބޮޑު، ކަންކަން ދާނީ ދެފުށް ފެންނަ ގޮތަށް

ދައުލަތަށް ގެއްލުންވާގޮތަށް ބިން ދޫކުރާކަމަށް ބުނެ ކުރާ ތުހުމަތުތަކަށް ރައްދުދެއްވަމުން ރައީސް ވިދާޅުވީ، ޑިވެލޮޕަރަށް ބިން ދޫކުރަނީ ހިލޭ ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެޑްވާންސްގެ ގޮތުގައި 500 މިލިއަން ޑޮލަރުގެ އަގުހުރި 5،000 ހައުސިންގ ޔުނިޓް ދައުލަތަށް ލިބޭނެކަމަށާއި، ޑިވެލޮޕަރުގެ އާމްދަނީގެ 10 އިންސައްތަ (ގާތްގަނޑަކަށް 3.1 ބިލިއަން ޑޮލަރު) ދައުލަތަށް ލިބޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއީ ޓެކްސް މާފުކުރެވޭ މަޝްރޫޢެއް ނޫންކަންވެސް ރައީސް ތަކުރާރުކުރެއްވިއެވެ.

މި މަޝްރޫޢާ ގުޅޭގޮތުން ޚާއްޞަ ޤާނޫނެއް އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށާއި، މި ބިލު އާންމުންނަށް ފެންނަން އޮންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ދައުލަތުން އިންވެސްޓްމަންޓެއް ނުކޮށް ހިންގާ މަޝްރޫޢަކާ ގުޅޭ މިހާ ގިނަ ތަފްސީލުތަކެއް މީގެ ކުރިން އެއްވެސް ސަރުކާރަކުން އާންމުކޮށްފައި ނުވާކަމަށާއި، ކޮމިޓީތަކުން މިކަންކަން ދިރާސާކޮށް ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ޒިންމާދާރު ގޮތެއްގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން ދޮގު ވާހަކަތައް ދައްކަނީ ސިޔާސީ ބޭނުމެއްގައި، އިންވެސްޓަރުންގެ އިތުބާރު ގެއްލުވާލައި، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށެވެ. ނަމަވެސް ސަރުކާރުން މި މަޝްރޫޢު ކުރިއަށް ގެންދާނީ ދިވެހިންގެ ދީނީ އަދި ޤައުމީ އައިޑެންޓިޓީ ފުރިހަމައަށް ޙިމާޔަތްކުރެވި، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައިކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނު ވަނީ ތަކުރާރުކޮށް ދެއްވާފައެވެ.