ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މާލެއިން ފޯލިކް އެސިޑް ހުސްވެއްޖެ ކަމަށް ބުނެ ފެތުރެނީ ދޮގު ޚަބަރެއް، ސްޓޮކް އެބަހުރި: ސްޓޭޓް ފާމާ

މާލޭގެ ބޭސްފިހާރައެއް / ފޮޓޯ: ޕީއެސްއެމް ނިއުސް
މާލޭގެ ބޭސްފިހާރައެއް / ފޮޓޯ: ޕީއެސްއެމް ނިއުސް

މާލޭގެ ބޭސްފިހާރަތަކުން ފޯލިކް އެސިޑް ހުސްވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތައް ސްޓޭޓް ފާމާއިން ދޮގުކޮށްފިއެވެ. އެ ކުންފުނިން ޔަގީންކަން ދީފައިވާ ގޮތުގައި މާލެއިން ފޯލިކް އެސިޑް ހުސްނުވާ ކަމަށާއި، ކުންފުނީގެ މައި ސްޓޮކްގައާއި އެކި ބޭސްފިހާރަތަކުން މިހާރުވެސް މި ބޭސް ދަތިކަމެއް ނެތި ލިބެން ހުންނާނެއެވެ.

ސްޓޭޓް ފާމާއިން ބުނީ ދިވެހި ކޮންމެ ރައްޔިތަކަށްމެ ބޭނުންވާ އަސާސީ ބޭސްތައް އެއްވެސް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމުގައި އެ ކުންފުނި އަބަދުވެސް ދެމިއޮންނާނެ ކަމަށެވެ. އަދި ބޭހާ ގުޅޭގޮތުން ނުވަތަ ކުންފުނީގެ ޚިދުމަތްތަކާ ގުޅިގެން އެއްވެސް ސުވާލެއް ނުވަތަ ކަންބޮޑުވުމެއް އޮތްނަމަ، އެކަންކަން ސާފުކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

ރާއްޖެއަށް ބޭނުންވާ ބޭސް ދެމެހެއްޓެނިވި ގޮތެއްގައި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ސްޓޭޓް ފާމާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން:
• ދުރާލާ އޯޑަރު ދިނުން: އަހަރަކަށް ބޭނުންވާ ބޭހުގެ ސްޓޮކް ދެނެގަނެ، ބޭރުގެ ކުންފުނިތަކާ ގުޅިގެން ބޭސް އެތެރެކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
• ބައިނަލްއަޤްވާމީ އެއްބަސްވުންތައް: ބޭސް އެތެރެކުރުމަށްޓަކައި މިހާތަނަށް ބޭރުގެ 3 ކުންފުންޏަކާއެކު އެއްބަސްވުން ޤާއިމުކޮށްފައިވާއިރު، އިތުރު ކުންފުނިތަކާއެކު ވެސް ދަނީ މަޝްވަރާ ކުރަމުންނެވެ.
• ވަސީލަތްތައް ތަރައްޤީކުރުން: ބޭސް ރައްކާކުރާނެ ސްޓޯރޭޖުތައް ބިނާކުރުމާއި، ހޮސްޕިޓަލުތަކުގައި ފާމަސީތައް ޤާއިމުކުރުމުގެ މަސައްކަތް ދަނީ ހަލުވިކަމާއެކު ހިނގަމުންނެވެ.

ސްޓޭޓް ފާމާއިން އަންދާޒާކުރާ ގޮތުގައި، މިހާރު ރާއްޖެއަށް ދިމާވެފައިވާ ބޭހުގެ ދަތިކަމުގެ މައްސަލައަށް އެދެވޭ އަދި ދާއިމީ ހައްލެއް އަންނަ އަހަރުގެ (2027) މެދުތެރޭގައި ފެނިގެންދާނެއެވެ.