ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރައީސް މުޢިއްޒު ފުރަމާނަ ދަތުރުފުޅެއްގައި ޕާކިސްތާނަށް ވަޑައިގެންފި

ރައީސް މުޢިއްޒު ފުރަމާނަ ދަތުރުފުޅެއްގައި ޕާކިސްތާނަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ޚާއްޞަ ދައުވަތަކަށް އެ ޤައުމަށް ކުރައްވާ ރަސްމީ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ޕާކިސްތާނަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވާ މަތީ ފަންތީގެ ވަފުދެއް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ. ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނަށް ވަޑައިގަތުމުން އެއާޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ޕާކިސްތާނު ސަރުކާރުގެ އިސް އޮފިޝަލުންނެވެ.

މި މަހުގެ 22 ގެ ނިޔަލަށް ކުރިއަށްދާ މި ދަތުރުފުޅުގައި، ރައީސް މުޢިއްޒު ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރުދާރީއާއި، ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ އިތުރުން އެ ޤައުމުގެ ސަރުކާރުގެ އިސް ވެރިންނާ ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ބާއްވަވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރެއްވި ގޮތުގައި، ދެ ޤައުމުގެ ވެރިން ބާއްވަވާ ރަސްމީ ވާހަކަތަކުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ބައިނަލްއަޤުވާމީ ގުޅުންތައް އިތުރަށް ވަރުގަދަކުރުމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާނެއެވެ. އަދި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރުންވެސް މި ދަތުރުފުޅުގެ ތެރެއިން ކުރިއަށްދާނެއެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ދެ ޤައުމުގެ ވެރިންނެވެ.

މިއީ ފާއިތުވި 10 އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅު ދިމާވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާއެވެ. ދެ ޤައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 26 ޖުލައި 1966 ގައެވެ