ޚާރިޖީ ކާމިޔާބީއާއެކު ރައީސް ޑރ. މުޢިއްޒު ޕާކިސްތާނަށް: ޢަސްކަރީ އެންމެ މަތީ ޝަރަފާއި ރަތްދޫލައިގެ އިސްތިޤްބާލެއް!
ދިވެހިރާއްޖޭގެ ޤައުމީ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކުރައްވައި، ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެއަކީ ފަޚުރުވެރި، ނުފޫޒުގަދަ ޤައުމެއްގެ ގޮތުގައި ތަމްސީލުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުންދާ ޙިކުމަތްތެރި މަސައްކަތްޕުޅުތަކުގެ ތެރެއިން، ޕާކިސްތާނަށް ކުރައްވާ ތާރީޚީ ފުރަމާނަ ދަތުރުފުޅު ކާމިޔާބުކަމާއެކު ފަށްޓަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު އިސްލާމްއާބާދު އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގަތުމުން، އެ ޤައުމުން ވަނީ ދިވެހި ދައުލަތަށާއި ރައީސްގެ ޒަޢާމަތަށް އޮތް މަތީ އިޙްތިރާމް ހާމަކޮށްދެމުން، ޢަސްކަރީ އެންމެ މަތީ ޝަރަފު ކަމުގައިވާ 21 ބަޑީގެ ސަލާމެއް އަރުވާފައެވެ.
މި ދަތުރުފުޅަކީ ވޭތުވެދިޔަ 10 އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި ދިވެހި ޒަޢީމަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. މިއީ ރައީސް ޑރ. މުޢިއްޒުގެ ދުރުވިސްނޭ ބޭރުގެ ޚާރިޖީ ސިޔާސަތުގެ ދަށުން، އިސްލާމީ އުއްމަތުގެ ބޮޑެތި ޤައުމުތަކާއެކު އޮންނަ އަޚުވަންތަކަމުގެ ގުޅުންތައް އައު އުސްމިންތަކަކަށް ހާސިލްކޮށްދޭނެ ވަރަށް ވަރުގަދަ ސާބިތުހެކިދެއްވުމެކެވެ.
Ads by BMLޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ޚާއްޞަ ދައުވަތަކަށް އޮކްޓޫބަރު 20 އިން 22 އަށް ކުރިއަށްދާ މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާއަށް ރަސްމީގޮތުން މަރުޙަބާ ދެންނެވުމުގެ ކުލަގަދަ ރަސްމިއްޔާތު މާދަމާ އޮންނާނީ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ކަމަށްވާ "ޕްރައިމް މިނިސްޓާސް ހައުސް" ގައެވެ.
މި ދަތުރުފުޅުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ، ތަޢުލީމީ އަދި ދިފާޢީ ދާއިރާތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، ރައީސް ޑރ. މުޢިއްޒުގެ ތަރައްޤީގެ ތަޞައްވުރު އިތުރަށް ހަލުވިވެގެންދާނެ ކަމަށް ސިޔާސީ ދިރާސާކުރައްވާ ފަރާތްތަކުން ޤަބޫލުކުރެއެވެ.
Ads by MACL
