ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަމީނީ މަގުގެ ތިންވަނަ ސެގްމަންޓުގައި ތާރުއެޅުމުގެ މަސައްކަތް މިރޭ ނިންމާލަނީ

 އަމީނީ މަގުގެ ތާރުއެޅުމުގެ މަސައްކަތް ކުރިއަށްދަނީ: ފޮޓޯ: ބިނާރާ ބެހޭ ވުޒާރާ
އަމީނީ މަގުގެ ތާރުއެޅުމުގެ މަސައްކަތް ކުރިއަށްދަނީ: ފޮޓޯ: ބިނާރާ ބެހޭ ވުޒާރާ

މާލޭގެ އަމީނީ މަގު އަލުން މަރާމާތު ކުރުމަށް ހިންގާ މަޝްރޫއުގެ ތެރެއިން، އެ މަގުގެ ތިންވަނަ ސެގްމަންޓުގައި ތާރުއެޅުމުގެ މަސައްކަތް މިރޭގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އިއްޒުއްދީން މަގުން ފެށިގެން ކޯރުކެނޑި ހިނގުމާ ހަމައަށް ހިމެނޭ ތިންވަނަ ސެގްމަންޓުގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް މިއަދު ފަށާފައިވާއިރު، މިރޭގެ ނިޔަލަށް ތާރުއަޅައި ނިމުމާއެކު ދެން އެންމެ އަވަހަށް ކުރިއަށްދާނީ މަގުގައި ރޯޑް މާކިން ޖެހުމުގެ މަސައްކަތް ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން އަމީނީ މަގު ބައިބަޔަށް ބަހާލައިގެން މަރާމާތު ކުރުމުގެ މަސައްކަތް އެ ކުންފުނިން ފަށާފައިވަނީ ފާއިތުވި އޮގަސްޓް މަހުގެ 3 ވަނަ ދުވަހުއެވެ.

މި މަޝްރޫއުގެ ފުރަތަމަ ސެގްމަންޓުގެ ގޮތުގައި ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮތް ސަރަހައްދުގައި އަދި ދެވަނަ ސެގްމަންޓުގެ ގޮތުގައި ދިވެހިރާއްޖޭގެ އަޑު ކުރިމަތީގެ ހަތަރުއަނގޮޅި ކަންމަތީގައި ތާރުއަޅައި، މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ.

މި މަޝްރޫއުގެ ފަހު ސެގްމަންޓް ނުވަތަ ހަތަރުވަނަ ސެގްމަންޓުގެ ގޮތުގައި ކަނޑައަޅާފައިވަނީ ކޯރިކެނޑި ހިނގުމުން ފެށިގެން ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލާ ހަމައަށް އޮތް ސަރަހައްދެވެ.

އަމީނީ މަގު އަލުން ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ޖޫން 15 ގައި ހަވާލުކޮށްގެން ކުރިއަށްމިއަންނަނީ، ކުރީގެ ސަރުކާރުން އެ މަގުގައި ތާރުއަޅައި ނިންމިތާ ގިނަ ދުވަސްތަކެއް ނުވަނީސް މަގުގައި ބޮޑެތި އަޑިގުޑަންތައް ހެދި، ދުއްވާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް އުފުލަންޖެހުމާ ގުޅިގެންނެވެ.